އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ލެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ލެސްޓާ މޮޅުވީ 2-5 ތަފާތު ބޮޑު ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. އެގޮތުން މެޗުގެ 4 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޔާދް މަހްރޭޒްއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ ޖެމީ ވާޑީއެވެ.
ދެ ޓީމުވެސް އެއްވަރެއްގައޮ އޮވެ މެޗުގެ ފުތަމަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ވެސް ސިޓީއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަތީއެއްގެ ގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ވާޑީ ވަނީ އިތުރު ލަނޑެއް ޖަހާ ލެސްޓާއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ވާޑީ ވަނީ ލެސްޓާއަށް ލީޑު އިތުރަށް ފުޅާކޮށްދީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މެޗުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 77 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަނެވެ. މެޗުގެ 84 ވަނަ މިނެޓުގައި ނަތަން އަކޭ ސިޓީއަށް ދެވަނަ ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ޔޫރީ ޓިއެލެމަންސް ވަނީ ލެސްޓާގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ރޭގެ މި މޮޅާއި އެކެ ލެސްޓާއިން ވަނީ އެޓީމު މިހާތަނަށް ލީގުގައި ކުޅުނު 3 މެޗުންވެސް މޮޅުވެފައެވެ. އެގޮތުން މިވަގުތު ލީގުގެ އެއްވަނާގައި 9 ޕޮއިންޓާއި އެކު އޮތީ ލެސްޓާއެވެ. އަދި ލެސްޓާއަތުން ބަލިވި މެންޗެސްޓާރ ސިޓީ ދެމެޗު ކުޅެފައިވާއިރު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. އެގޮތުން އެ މެޗުން ލިބުނު 3 ޕޮއިންޓާއި އެކު ސިޓީ މިވަގުތު އޮތީ ލީގުގެ 13 ވަނާގައެވެ.
ލެސްޓާއިން ލީގުގައި ދެން ކުޅެން ޖެހޭ މެޗުގައި ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ. އަދި ލެސްޓާ އަތުން ބަލިވި މެންޗެސްޓާރ ސިޓީ ބައްދަލުކުރާނީ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް