ފްރެންޗް ލީގުގައި ރޭ ރެއިމްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ފޯވާޑް މައުރޯ އިކާޑީ ކާމިޔާބުކުރި ދެ ލަނޑުން ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ރެއިމްސްއާއި ދެކޮޅަށް ރޭ ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
ކުރިން ސަސްޕެންޝަނުގައި ތިބި ނޭމާ އާއި ލެއަންޑްރޯ ޕަރެޑެސް ވެސް ހިމަނައިގެން ރޭ ކުޅުނު މެޗުގައި ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު އިރު، މި މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އިކާޑީ ޕީއެސްޖީއަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭގެ އެހީއާއެކުއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، ޕީއެސްޖީ އޮތީ އެއް ލަނޑުގެ ލީޑެއްގައި ކުރީގައެވެ. ޕީއެސްޖީން މި މެޗުގައި ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކުރި މެޗުގެ 62 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުވެސް ޖަހައިދިން މައުރޯ އިކާޑީ ޖަހައިދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ކުރީ އެމްބާޕޭގެ އެހީއާއެކުއެވެ.
ލީގުގައި ކުޅުނު ފަސްވަނަ މެޗުން ޕީއެސްޖީ މޮޅުވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައި ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ޕީއެސްޖީ އަތުން ބަލިވި ރެއިމްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ފަސް މެޗުން އެންމެ ޕޮއިންޓެއް ލިބިގެންނެވެ.
ލީގުގައި ދެން ޕީއެސްޖީން ކުޅޭ މެޗުގައި ނުކުންނާނީ އޭންޖާސްއާ ދެކޮޅަށެވެ. އަދި ރެއިމްސް ނިކުންނާނީ ރޭނިސްއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް