އިޓާލިއަން ލީގުގައި ރޭ ރޯމާއާއި ދެކޮޅަށް ޗެމްޕިއަން ޔުވެންޓަސް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރޯމާއިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑަން ވެރެޓައުޓެވެ. ޔުވެންޓަސްއަށް މި ޕެންލްޓީ ލިބުނީ ރޯމާގެ ކުޅުންތެރިޔަކު ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް އޭރިއާ ތެރޭގައި ހުރި ރެބިއޮޓްގެ އަތުގައި ޖެހުމުންނެވެ.
މި ލަނޑާއެކު ޔުވެންޓަސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި ޕެނަލްޓީ އަކީ ރޮނާލްޑޯ ރޯމާގެ އޭރިޔާ ތެރެއަށް ހިފައިގެން ވަދެ ގޯލުކުރިމައްޗަށް ނަގައިދޭން މަސައްކަތް ކުރި ބޯޅައެއްގައި ރޯމާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޯމާއިން ވަނީ ކައުންޓަރ އެޓޭކުގައި ލަޑެއް ޖަހާ އަލުން ލީޑު ނަގާފައެވެ. ހެންރިކް މިކިތާރިޔަނުގެ އެހީއާއެކު ރޯމާއަށް އަލުން ލީޑު ނަގައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި ވެރެޓައުޓެވެ.
ރޯމާއިން ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން ރަނގަޅަށް ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ. އެގޮތުން ރޯމާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން ފޯވާޑް އަލްވާރޯ މޮރާޓާ އާއި ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގައި ޔުވެންޓަސްއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ 62 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު އެ ޓީމުގެ އޭޑްރިއަން ރަބިއޯއަށް ރަތް ކާޑު ދެއްކުމުންނެވެ. އެކަމަކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އައި ޔުވެންޓަސްއިން ވަނީ މެޗުގެ 69 ވަނަ މިނެޓުގައި ލަނޑުޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ޑެނީލޯ ނަގައިދިން ހުރަހަކުން މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.
އަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުވެންޓަސް ލީގުގައި ކުޅުނު ދެވަނަ މެޗުން އެއްވަރުވިއިރު، އެ ޓީމު އޮތީ ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި ރޯމާ އޮތީ މި މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު ލީގުގެ 13 ވަނާގައެވެ.
ލީގުގައި ދެން ކުޅެން ޖެހޭ މެޗުގައި ޔުވެންޓަސް ނިކުންނާނީ ނަޕޮލީއާއި ދެކޮޅަށެވެ. އަދި ރޯމާ ނިކުންނާނީ އުދުނޭސީއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް