ކޮވިޑާއި ގުޅިގެން އުމްރާގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު އުމްރާއަށް މީހުންނަށް އާދެވޭނެ ގައުމުތަކަކީ ކޮބައިކަން ކަނޑައަޅާނީ ސައޫދީ ހެލްތު މިނިސްޓްރީން ކަމުގައި ހައްޖު އުމްރާގެ ކަންތައްތަކާއިބެހޭ ވަޒީރު މުހައްމަދު ސާލިހް ބެންޓެން ވިދާޅުވެއްޖެއެވެ.
ބެންޓެން މިހެން ވިދާޅުވެފައިމިވަނީ ނޮވެމްބަރު އެކަކުން ފެށިގެން، އުމްރާގެ ހިދުމަތް އެހެން ގައުމުތަކަށް ހުޅުވާލާނެކަން ސައޫދީން އިއުލާނުކުރުމާއިއެކުގައި އިތުރު ތަފްސީލް ހާމަކުރުމުގެ ގޮތުންނެވެ.
ސައުދީން ހާމަކޮށްފައިވާގޮތުގައި އުމްރާގެ ހިދުމަތް ފަށަން ނިންމާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އުމްރާގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ އެ ގައުމުގައި ތިބި ފަރާތްތަކަށެވެ. އަދި އެއީ ފުލް ކެޕޭސިޓީގެ 30 އިންސައްތަ މީހުންނަށް ކަމަށާއި ދެވަނަ މަރުހަލާގައި އެ އަދަދު 70 އިންސައްތައަށް އިތުރުކޮށް، އެހެން ގައުމުތަކަށް އުމްރާގެ ހިދުމަތް ހުޅުވާލާނީ ތިންވަނަ މަރުހަލާގައި ކަމަށް ބުނެފައިވެއެވެ.
އުމްރާގެ ހިދުމަތް އަލުން ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާއިރު 33 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސައޫދީ އަރަބިއްޔާގައި ކޯވިޑް-19 އަށް މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. 4500 އަށްވުރެ ގިނަ މީހުން އެ ގައުމުން ކޯވިޑުގައި މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް