ވެރިކަމަށް ފޫގަޅާ، އިންސާފު ހޯދައިދޭން ދައްކާ ވާހަކަތައް - ކަނޑުގައި ދަމާލާ ރޮނގެއްފަދަ !

ސިޔާސީ ޕާޓީތަކުން ވެރިކަން ހޯދުމަށް އަބަދުވެސް ތަފާތު އެކި ވާހަކަތައް ދައްކާނެއެވެ. ރައްޔިތުންގެ ލޯތަކަށް އެތައް ހުވަފެންތަކެއް ދައްކާނެ އެވެ. ނަމަވެސް ވެރިކަން ލިބުމާއެކު 'ކުރި ހުވައެއް، ވީ ވަޢުދެއް"...

27 Sep 2020 | 23:42

ސިޔާސީ ޕާޓީތަކުން ވެރިކަން ހޯދުމަށް އަބަދުވެސް ތަފާތު އެކި ވާހަކަތައް ދައްކާނެއެވެ. ރައްޔިތުންގެ ލޯތަކަށް އެތައް ހުވަފެންތަކެއް ދައްކާނެ އެވެ.

ނަމަވެސް ވެރިކަން ލިބުމާއެކު 'ކުރި ހުވައެއް، ވީ ވަޢުދެއް" ނޯވެއެވެ. އަވާމެންދުރެއް ފަދައިން ގެއްލިދެއެވެ.

މީގެ އެންމެ ރަނގަޅު މިސާލަކީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގާ ކުރެވޭ ތަޙުޤީޤުގެ މައްސަލަ އެވެ.

އެ މައްސަލައިގާ އެހީތެރިވާނެ ބޭރުގެ މާހިރަކު ސެޕްޓެމްބަރު މަހުގެ ތެރޭގައި ޢައްޔަންކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް މި ސެޕްޓެމްބަރ މަސްނިމެން ދެން މާގިނަ ދުވަހެއް ނެތެވެ.

އޯގަސްޓު 08 ވަނަ ދުވަހުގައި މަރު ކޮމިޝަނުން ނެރުނު ބަޔާނުގައި "ރިޟްވާންގެ މައްސަލައަށް އިންސާފު ނުލިބި އޮތްކަމީ އޭނާގެ ޢާއިލާއަށް ލިބިފައިވާ ހިތާމައެއްކަން ފާހަގަކޮށް، އެ ހިތާމައިގާ އެ ކޮމިޝަނުން ބައިވެރިވާކަމަށް" ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އެ ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތްތައް އެއް ޢަޒުމެއްގައި ކުރިއަށް ގެންދާނެކަމަށްވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އެހެންނަމަވެސް ހިތާމައަކީ އަދިވެސް "ތަށަށްކިޔަނީ މަރިޔަނބުހޭ ވެސް" އަހާނުލާ ކަމެވެ. ނުވަތަ "ކަހާތަން ހިރުވާވެސް ނުލާ" ކަމެވެ.

ރިޟުވާން ގެއްލުވައިލި މައްސަލައަށް ހަ އަހަރު ފުރުނުއިރު ވެސް އެއްވެސް ބަޔަކަށް އެ މައްސަލައަށް އިންސާފެއް ހޯދައި ދެވިފައި ނުވާ އިރު، ބްލޮގަރ ޔާމީނުގެ މައްސަލައިގައި ވެސް ކަން ހިނގައިދަނީ އެ އުސޫލުން ނެވެ.

މީގެ އިތުރުން ޑރ. އަފްރާޝީމުގެ ޤާތިލުން ހޯދައި ޙައްޤުއަދަބު ދެވިފައިނުވާކަމީ އެންމެންހައި ރައްޔިތުންނަށް އެނގޭ ކަމެކެވެ.

މި ނޫނަސް މިފަދަ ކިތަންމެ މައްސަލައެއް އޮތްގޮތަށް އޮތް އިރު، ދެން އަނެއްކާވެސް އެވާހަކަތައް ފެންމަތިވާނީ ރިޔާސީ އިންތިޚާބާ ގާތްވުމުން ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް