އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް
ރުހެންޖާ މުސްލިމުން އަތުން ވަޒަންވެރިކަން ފޭރިގަތީ ކިހިނެތް؟
އިސްވެ ބަޔާންވެދިޔަފަދައިން އަރާކާންގެ މުސްލިމުންނަކީ ބަރުމާ ކިޔާ ދައުލަތެއް އުފަންވުމުގެ ކުރިން އެތައްސަތޭކަ އަހަރެއް ކުރިންސުރެ އެތަނުގައި ވަޒަންވެރިވެގެން އުޅޭބައެކެވެ. ފަހަރެއްގައިވެސް އެމީހުންނަކީ މިޔަންމާގެ ސަރުކާރުން ބުނާފަދައިން އިނގިރޭސިންގެ އިސްތިޢުމާރަށް ފަހު ބޭރުން އެތަނަށް އަރައިގެން އުޅޭ ބައެއް ނޫނެވެ. މުސްލިމުންގެ ކިބައިން ވަޒަންވެރިކަން ނިގުޅަައިގަތުމަކީ އިނގިރޭސި އިސްތިޢުމާރުގެ މަކަރުވެރިކަމުގެ ތެރެއިން އުފަންކުރުވި ކަމެކެވެ. އެހެނީ މިޔަންމާއަށް މިނިވަންކަން ދިންއިރު އިނގިރޭސިން ވަނީ މުސްލިމުންނާ ބުޑިސްޓުންނާ ޖައްސައި މިޔަންމާގެ މުޖުތަމަޢުން މުސްލިމުން އެކަހެރިކޮށްފައެވެ. މި ދެކޮޅުވެރިކަމުގެ ތެރެއިން މިޔަންމާގައި ވަޒަންވެރިވުމާބެހޭ ޤާނޫނެއް އެކުލަވާލެވި އެ ޤާނޫނަށް ބަދަލު ގެންނަމުންދިޔައެވެ. މި ބަދަލުތަކުގެ ފަހަތުގައި ވަނީ މުޅިންވެސް މުސްލިމުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރުމުގެ މަކަރުވެރި ރޭވުމެވެ.
1982 ވަނައަހަރު ކަނޑައެޅުނު ރަށްވެހިކަމާ ބެހޭ ޤާނޫނު
މި ޤާނޫނަކީ ރަށްވެހިކަމާބެހޭގޮތުން 1948 ގައި އެކުލަވާލެވުނު ޤާނޫނަށް ތަފާތު ބަދަލުތައް ގެންނަމުންގޮސް 1982 ވަނަ އަހަރު ނެރެވުނު ޤާނޫނެކެވެ. މިޤާނޫނުގެ ދަށުން ރަށްވެހިކަން 3ދަރަޖައަކަށް ބެހިގެން ދިޔައެވެ.
1- އެއްވަނަ ދަރަޖައިގެ ރަށްވެހިން
2- ދެވަނަ ދަރަޖައިގެ ރަށްވެހިން
3- ތިންވަނަ ދަރަޖައިގެރަށްވެހިން
ފުރަތަމަ ދަރަޖައާއި ދެވަނަ ދަރަޖާއިގެ ރަށްވެހިންނަކީ ހުރިހާ ބާވަތެއްގެ ޙައްޤުތަކެއް ކަށަވަރުވާ މިޔަނަމާގެ ވަރަންވެރިންގެ ގޮތުގައި ސަރުކާރުން ބަލާމީހުންނެވެ. 3 ވަނަ ދަރަޖައިގެ މީހުންނަކީ މުސްލިމުންނެވެ. އެމީހުންނާމެދު ބެލެވެނީ އެމީހުންނަކީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދުވަސްވަރު ބޭރުން އަރާތިބި އަޖުނަބީންގެ ގޮތުގައެވެ. މިމީހުންނާމެދު މުޢާމަލާތު ކުރެވެނީ ވަރަށް އިހާނެތިކޮށެވެ. މިގޮތުން ރަށްވެހިކަމުގެ ޙައްޤު ލިބިގެން ނުވާ ބައެއްގެ ގޮތުގައި ދެކުމުގެ އިތުރުން އެމީހުން ޖަލުގައި ހައްޔަރުކުރެވެއެވެ. އަދި އަސްކަރީ މަރުކަޒުތަކުގައި ބުރަމަސައްކަތް ކުރަން މަޖްބޫރު ކުރުވައެވެ. މިގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަ ކޮށްފިނަމަ އެމީހުންނަށް ދެވެނީ ބައެއްކަހަލަ ޚިދުމަތްތައް ލިބޭފަދަ ކާޑެކެވެ. ނަމަވެސް އެމީހުން ބެލެވެނީ އަޖުނަބީން ގޮތަށެވެ. އެންމެ ފަހުން އަރާކާންގެ މީހުންނަށް ދެވިފައިވާ ކާޑުވެސް، އާކުރުމުގެ ނަމުގައި އަތުލައިގަތެވެ. އެ ހިސާބުން ފެށިގެން އެމީހުންނަކީ އެއްވެސް ރަސްމީ ލިޔެކިޔުމެއްނެތި ސަރުކާރުގެ ހުރިހާ ޚިދުމަތަކުން މަޙްރޫމު ކުރެވިގެންވާ ބައެއްކަމުގައި ހެދިއެވެ.
ބަރުމާގައި މުސްލިމުން ތިބޭނަމަ ޝަރުޠުކުރެވޭ ކަންކަން
މުސްލިމުންގެ ތެރެއިން ބަރުމާގައި އަދި ވަކިން ޚާއްޞަކޮށް އަރާކާންގައި ތިބެން ބޭނުންވާ މީހެއްގެ މައްޗަށް ބަރުމާގެ ހައްދުފަހަނައަޅާފައިވާ ބުޑިސްޓު ސަރުކާރުން އެތައް ދަތިތަކަކާއި ޝަރުޠުތަކެއް މަޖުބޫރުކުރުވައެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްކަތުގެ ތެރޭގައި:
1- ކީރިތި ޤުރްއާން ޢަރަބި ބަހުން ލިޔުމުގެ ބަދަލުގައި ބަރުމާބަހުގެ އަކުރަށް ބަދަލުކުރުން
2- އިސްލާމީ ސްކޫލު މަދަރުސާތަކުގައި ބަރުމާގެ ބުޑިސްޓު ތަޢުލީމުދޭން ޖެހޭނެކަން
3- މުސްލިމުން ހަމަކައެކަނި މުސްލިމުންނާ ކައިވެނި ކުރުމުގެ ބަދަލުގައި ބުޑިސްޓުންނާވެސް ކައިވެނިކުރެވެން ޖެހޭނެކަން
4- ސަރުކާރުން ބޭނުން ކޮންމެ ވަގުތެއްގައިވެސް މުސްލިމުން އެޤައުމުން ބޭރުކޮށްލުމުގެ ޙައްޤު ބަރުމާގެ ސަރުކާރަށް ލިބިގެންވާކަމުގައި ޤަބޫލުކުރުން.
5- ދަރިންނަށް އިސްލާމީ ނަންތައްކިޔުމުގެ ބަދަލުގައި ބުޑިސްޓު ނަންތައް ކިޔުން
6- މުސްލިމު އަންހެނުން މޫނުބުރުގާ އެޅުމީ މަނާކަމެއްކަން
7- ސަރުކާރުން ހުއްދައެއް ލިބިގެން މެނުވީ ޢީދުގައި މުސްލިމުން އުޟްޙިޔާ ކަތިލުން ހުއްދަވެގެން ނުވާކަން
8- ވަރަށް ދަތި އަދި ހަނިގޮތަކުން މެނުވީ މުސްލުމުންނަށް ޙައްޖުވުމުގެ ފުރުޞަތު ނެތްކަން
(ނުނިމޭ)
މައުލޫމާތުނެގީ : ނޫރުލް އިސްލާމް ބިން ޖަޢުފަރު އާލު ފާއިޒް ލިޔުއްވާފައިވާ "ބަރުމާގައި މުސްލިމުންގެ ތަރީޚާއި ގޮންޖެހުންތައް"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް