ރޮހިންގާ މުސްލިމުންގެ ކޭމްޕްތަކުން ގެއްލޭ ކުދިން ހޯދައިދޭ ނާޒިރުގެ ވާހަކަ

މިޔަންމާ ސަރުކާރުން އެގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަން ފެށުމުން ހަތަރު ލައްކައަށްވުރެ ގިން މީހުން އަވަށްޓެރި ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކަށް ހިޖުރ...

27 Sep 2017 | 23:16

މިޔަންމާ ސަރުކާރުން އެގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަން ފެށުމުން ހަތަރު ލައްކައަށްވުރެ ގިން މީހުން އަވަށްޓެރި ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކަށް ހިޖުރަކޮށްފައިވާއިރު ތޮއް ޖެހިފައިވާ އެ ކޭމްޕްތަކުންނާއި ކޭމްޕްތަކުގެ ސަރަހައްދުގައި އުޅެމުން އަންނަ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު އެތައް ބަޔަކު ގެއްލޭ ކަމަށްވެ އެވެ. އެގޮތަށް ގިނައިން ގެއްލެނީ ކުޑަކުދިންނެވެ.

އެގޮތަށް ގެއްލޭ، ނުވަތަ އާއިލާއާއި ވަކިވާ މީހުން ހޯދުމަށް އަދި އާއިލާއާއި އަލުން ގުޅުވައިދިނުމަށް ހާއްސަ ބޫތެއް ރެފިއުޖީ ކޭމްޕްތަކުގެ ސަރައްދުގައި ގާއިމް ކޮށްފައި ހުރެ އެވެ. މި ބޫތަށް ކިޔާ ނަމަކީ "ލޮސްޓް އެންޑް ފައުންޑް" ބޫތެވެ.

މި ބޫތު ހިންގަމުން އަންނަނީ އުމުރުން 27 އަހަރުގެ ނާޒިރު އަހުމަދު އެވެ. ނާޒިރަކީ ހޭންޑިކެޕް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ޖަމިއްޔާއެއްގެ މެމްބަރެކެވެ. މި ބޫތު ހިންގުމަށް އދ ގެ ރެފިއުޖީ އޭޖެންސީން ވަނީ ނާޒިރަށް ތަނެއް ހަމަޖައްސައިދީފަ އެވެ. އަދި "އަޑުގަދަކުރާ" އަކާއި އެއަށް ބޭނުވާ ބެޓެރީ އެއްވެސް އދ ގެ ރެފިއުޖީ އޭޖެންސީން ނާޒިރަށް ފޯރުކޮށްދީފައި ވެ އެވެ.

------------------------------

މި ބޫތުގެ ތެރޭގައި ، މަތީގައިވާ ފޮޓޯއިން ފެންނަ އުމުރުން 29 އަހަރުގެ ނޫރު ނަހާރު ގިސްލަ ގިސްލާ ރޯން އިން އިރު އޭނާ ބުނެފައިވަނީ އެ ބޫތަށް އޭނާ ދިޔައީ އޭނާގެ ފަސް އަހަރުގެ ދަރި ރޮޖީނާ ގެއްލިގެން ކަމަށެވެ. ރޮޖީނާ ގެއްލުނީ ރެފިއުޖީ ކޭމްޕްތަކުގެ ތެރޭގައި ގާއިމް ކޮށްފައިވާ ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގެ ތެރެއަށް ކަމަށް ނޫރު ބުނެފައި ވެ އެވެ. އަދި އެ ބޫތަށް ނޫރު ދިޔައީ ގެއްލިފައިވާ ކުޑަކުދިން އެ ބޫތުގައި ބޭ ކަމުގެ މައުލޫމާތު ލިބުމުން ކަމަށާއި ނަމަވެސް އޭނާގެ ދަރި އެ ބޫތުން ފެނިފައިނުވާތީ އެ ދަރި ފެންނާނެ ކަމުގެ އުންމީދުގައި މަޑުކޮށްގެން ހުރީ ކަމަށް އޭނާ ބުނެފައި ވެ އެވެ.

ނޫރު ބުނެފައިވަނީ އޭނާގެ ފިރިމީހާ މަރާލީ މިޔަންމާގެ އަސްކަރިއްޔާއިން ކަމަށާއި ނަމަވެސް ގެއްލުނު ދަރީގެ ޒިންމާ ނަގާނީ ކާކުތޯ އޭނާ ސުވާލު އުފައްދާފައި ވެ އެވެ.

ފޮޓޯއިން ދެވަނަ އަށް މި ފެންނަ ސަމްސުލް އާލަމްވެސް އެ ބޫތަށް ދިޔައީ އޭނާގެ ދަރިން ގެއްލިގެންނެވެ. އުމުރުން 8 އަހަރުގެ ސާދިކް ކަމާލް އާއި އުމުރުން ހަ އަހަރުގެ ކަމާލު ހުސެއިން ގެއްލިގެންނެވެ. ސަމްސުލް އާލަމް ނަސީބު ރަނގަޅު ކަމުން އޭނާގެ ދެ ކުދިން އެ ބޫތުން އޭނާއާއި ބައްދަލުވި އެވެ.

ސަމްސުލް އާލަމް ބުނީ އޭނާގެ ދެ ދަރިން ގެއްލުނީ ހެނދުނުގެ ނާސްތާއަށް ދެ ދަރިން ގޮވައިގެން ބޭރަށް ނިކުތް ވަގުތުގައި ކަމަށެވެ.

-----------------------------

މި ބޫތު ހިންގަމުން އަންނަ ނާޒިރު ބުނީ ބޫތު ހިންގަން ފެށިފަހުން ގެއްލިގެން، ނުވަތަ އާއިލާ ވީނުވީއެއް ނޭނގިގެން އުޅުނު 332 ކުޑަކުދިން އެ ބޫތަށް ގެނެވުނު ކަމަށާއި އޭގެ ތެރެއިން 180 ކުދިން އެކުދިންގެ އާއިލާއި އެ ބޫތު މެދުވެރިކޮށް ދިމާވެފައިވާކަމަށް ނާޒިރު ބުނެފައި އެވެ.

ނާޒިރު އަންނަނީ ކޮންމެ ދުވަހަކުވެސް އަޑުގަދަކުރާ މެދުވެރިކޮށް އެ ބޫތުގައި ތިބި ކުދީންގެ ނަންތައް ގޮވަމުންނެވެ.

---------------------------

ނާޒިރުގެ މި މަސައްކަތް ކުރިއަށް ގެންދާއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އެހީދޭ އަމިއްލަ ޖަމާއަތްތަކާއި އދ ގެ ޖަމާއަތްތަކުން ހާމަކޮށްފައިވާގޮތުގައި މިގޮތަށް ގެއްލޭ ކުޑަކުދިން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް