ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި އިންޓަޕޯލުން ބަލައިގެންފި – އިޒްރޭލު ރަތަށް

އިންޓަނޭޝަނަލް ޕޮލިސް އޮރގަނައިޒޭޝަންގެ ޖެނެރަލ އެސެމްބްލީ ޗައިނާގެ ވެރިރަށް ބެއިޖީން ގައި އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު އެ އޮގަނައިޒޭޝަންގެ މެމްބަރު ގައުމެއްގެ ގޮތުގައި ފަލަސްތީނު ހިމެނުމަށް އިނ...

27 Sep 2017 | 21:49

އިންޓަނޭޝަނަލް ޕޮލިސް އޮރގަނައިޒޭޝަންގެ ޖެނެރަލ އެސެމްބްލީ ޗައިނާގެ ވެރިރަށް ބެއިޖީން ގައި އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު އެ އޮގަނައިޒޭޝަންގެ މެމްބަރު ގައުމެއްގެ ގޮތުގައި ފަލަސްތީނު ހިމެނުމަށް އިންޓަޕޯލުން ބޮޑު އަގުލަބިއްޔަތެއް އިއްޔެ ވޯޓު ދީފި އެވެ.

މިއާއެކު ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި އިންޓަޕޯލުން ބަލައިގެންފިކަން ކަށަވަރު ވާއިރު ފަލަސްތީނުގެ މިނިވަންކަމާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަ އިޒްރޭލުން ވަނީ އިންތިހާއަށް ނުރުހުން ފާޅުކޮށްފަ އެވެ.

އިޒްރޭލުން ބުނެފައިވަނީ އިންޓަރޕޯލަކީ ކުށްކުރުމާއި ޓެރަރިޒަމާއި ދެކޮޅަށް ކްރޮސް ބޯޑަރ ކޯރޕަރޭޝަން ފޯރުކޮށްދޭ ބައެއް ކަމުގައިވާއިރު ފަލަސްތީނަކީ މެމްބަރު ގައުމެއްގެ ގޮތުގައި ހިމެނުމަށް ވޯޓުދީގެން ދުނިޔެއަކީ ވަރަށް ނުރައްކާތެރިތަނަކަށް އިންޓަރޕޯލުން ހަދާފައިވާކަމަށެވެ.

އިޒްރޭލުން ބުނަމުން އަންނަނީ އެ އޮގަނައިޒޭޝަންގައި ބައިވެރިވުމަށް ފަލަސްތީނު ކުފޫ ހަމަނުވާނެ ކަމަށާއި ފަލަސްތީނަކީ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ވަރަށް މަދު ބާރެއް އެމީހުން (އިޒްރޭލުން) ދީފައިވާ ބައެއް ކަމަށެވެ.

އިންޓަޕޯލުގެ މި ވޯޓާއެކު ފަލަސސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް-މާލިކީ ވިދާޅުވެފައިވަނީ އިއްޔެގެ ވޯޓަކީ ފަލަސްތީނަށް ލިބިގެންދިޔަ ނަސްރެއް ކަމަށެވެ.

އިންޓަޕޯލް މެމްބަރު ގައުމުތަކުގެ އަދަދަކީ 192 ކަމުގައިވާއިރު އެ އޮގަނައިޒޭޝަންގެ މެމްބަރު ގައުމުގެ ގޮތުގައި ފަލަސްތީނު އަދި ސޮލޮމޮން އައިލެންޑްސް ހިމެނުމަށް އިއްޔެ ވަނީ ނިންމާފަ އެވެ. އިންޓަރޕޯލުން އިއްޔެ ބުނެފައިވަނީ މި ދެ ގައުމުވެސް ހިމަނަން ނިންމީ އެކަން ފާސްވާން ބޭނުންވާ ސާފު އަގުލަބިއްޔަތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް