ގާފަރާއި މަޑުއްވަރީ އައިސްޕްލާންޓްގެ މިއަހަރު ނިންމާލެވޭނެ: މިނިސްޓަރ ޒަހާ

ކ.ގާފަރާއި ރ.މަޑުއްވަރީގައި ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ...

28 Aug 2020 | 12:21

ކ.ގާފަރާއި ރ.މަޑުއްވަރީގައި ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ، މިމަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވުނު ނަމަ މިއަހަރުގެ މޭއި މަހު މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އެހެންނަމަވެސް މަސައްކަތް ޙަވާލުކުރި ކުންފުންޏަށް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން މިހާރު މިޕްރޮޖެކްޓްގެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކ.ގާފަރާއި ރ.މަޑުއްވަރީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލްޓް ވޯޓަރ އައިސްޕްލާންޓްގެ މަސައްކަތް ބީލަމުގެ އުސޫލުން ޙަވާލުކޮށްފައިވަނީ ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެހެންނަމަވެސް އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލާ މިޕްރޮޖެކްޓްގެ މަސައްކަތް ސަރުކާރުގެ މަސްކުންފުނިކަމަށްވާ މިފްކޯއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ކ.ގާފަރާއި ރ. މަޑުއްވަރީގެ އިތުރުން ސަޢުދީ ސަރުކާރުގެ އެހީގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް