މަސްވެރިކަން ކުރިއެރުވުމަށް އުޅަނދުތައް އާ ގޮތްތަކަކަށް ފަރުމާކުރަން ޖެހޭ: މިނިސްޓަރ ޒަހާ

ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް މަސްވެރިކަމުގައި ބޭނުންކުރަމުން އަންނަ އުޅަނދުތައް އާ ގޮތްތަކަކަށް ފަރުމާކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިންސިސޯސަސް އެންޑް އެގްރިކަލްޗަރ ޒ...

28 Aug 2020 | 11:13

ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް މަސްވެރިކަމުގައި ބޭނުންކުރަމުން އަންނަ އުޅަނދުތައް އާ ގޮތްތަކަކަށް ފަރުމާކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިންސިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ މަސްވެރިން ބާނާ މަސް ކިރުމާ ހަމައަށް މަހުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ބޭނުންވާ އައިސް ދޯނިތަކަށް ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ރާއްޖޭގައި ބާނާ މަހުގެ ކޮލިޓީއާއި ގުޅިފައިވާކަމަކަށް ވުމާއެކު މިކަމަށް ހައްލެއް ބޭނުންވާކަމަށެވެ. އަދި މިކަމަށް ހައްލެއްގެނެސް މަސްވެރިކަން ކުރިއެރުވުމަށް އާ ފަރުމާތަކެއްގެ އުޅަނދުތައް ބޭނުންވާކަމަށާއި އެބަދަލު ގެނައުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ދޯނީގައި ރެފްރިޖަރޭޓްޑް ސީ ވޯޓަރ ސިސްޓަމް ޤައިމުކުރުމަށް ލޯނު ދޫކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެސްޑީއެފްސީ މެދުވެރިކޮށް 6 ފަރާތަކަށް ލޯނުދޫކޮށް ދޯނިތަކުގައި ސިސްޓަމް ހަރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިކަން ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދޮށީގެ މަސްވެރިކަންކުރުމުގައި ބާނާ މަސްތައް ދޯނީގެ ތައްޓުމައްޗަށް ވެއްޓި ލިބޭ ގެއްލުން ކުޑަކުރުމަށް ޒަމާނީ އުކުޅުތައް މެދުވެރިކޮށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އަދި އެންވެރިކަން އެއީ ވަކި ޚާއްސަ މަސްވެރިކަމަކަށް ހެދުމުގެ ވިސްނުންވެސް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް