ފަސް ހާހަށްވުރެ ގިނަ ދުވުންތެރިންނާއި އެކު އުރީދޫ އަތޮޅު ދުވުން ފަށައިފި

އުރީދޫ އަތޮޅު ދުވުމުގެ ހަފްތާ ބަންދު، 5000އަށް ވުރެ ގިނަ ބައިވެރިންނާއި އެކު މިއަދު ފަށައިފިއެވެ. އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭގޮތަށް ރޭވިފައިވާ ފުރަތަމަ ވަރޗުއަލް ރ...

28 Aug 2020 | 10:46

އުރީދޫ އަތޮޅު ދުވުމުގެ ހަފްތާ ބަންދު، 5000އަށް ވުރެ ގިނަ ބައިވެރިންނާއި އެކު މިއަދު ފަށައިފިއެވެ.

އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭގޮތަށް ރޭވިފައިވާ ފުރަތަމަ ވަރޗުއަލް ރަންއެވެ. އަތޮޅު ދުވުމުގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުމެވެ.

ފަސް  ކިލޯމީޓަރގެ ދުވުން

ހަ  އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން، އެބޭފުޅެއްގެ ގޭގައި ހުރެގެންވެސް ނުވަތަ ކައިރީގައިވާ ދުވާ ޓްރެކެއްގައިވެސް މި ދުވުން ފުރިހަމަކުރެވޭނެއެވެ.

-        5ކޭ ދުވުން ފުރިހަމަ ކުރެއްވުމަށް، އުރީދޫ އަތޮޅު ދުވުމުން ރެކޮމެންޑްކޮށްފައިވާ އެޕްލިކޭޝަން ތަކުގެ ތެރެއިން އެޕްލިކޭޝަނެއް މެދުވެރިކޮށް ދުވުން ޓްރެކް ކުރައްވާ. (ސްޓްރާވާ، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކީ ރަން ކްލަބް، އަދި ރަންކީޕަރ ބޭނުންކުރެވިދާނެއެވެ.)

-        ދުވުން ފުރިހަމަ ކުރެއްވުމަށް ފަހު، ދުވުން ފުރިހަމަކުރި ރޫޓް ފެންނަގޮތަށް ސްކްރީން ޝޮޓެއް އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ފޮނުވުމުން ވަރޗުއަލް މެޑަލް ލިބިވަޑައިގަންނަވާނެއެވެ.

15 ކިލޯމީޓަރގެ ދުވުން

އުރީދޫ މޯލްޑިވްސްގެ މި ވަރޗުއަލް ދުވުމުގައި ދިވެހިންނާއެކު އުރީދޫ ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިން 15 ކިލޯމިޓަރ، ރާއްޖޭގެ އުތުރުން ދެކުނަށް ފުރިހަމަކުރާނެއެވެ. މި 15 ކިލޯމީޓަރުގެ ދުވުމަކީ ވަރޗުއަލް ރިލޭއެކެއެވެ.

އުރީދޫ އަތޮޅު ދުވުމުގެ ބައިވެރިންނަށް ޙާއްޞަ އިނާމުތަކެއް

އުރީދޫ އަތޮޅު ދުވުމުގެ ޕާރޓްނަރުންނާއި ގުޅިގެން ދުވުންތެރިންނަށް ވަރަށް ޙާއްޞަ އިނާމްތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. މީގެ ތެޜޭގައި:

1. ދުވުމުގެ ތެރެއިން ނަންގަވާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބިވަޑައިގަންނަވާނެއެވެ. ފޮޓޯ ޝެއަރ ކުރައްވާ އިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކުރައްވާ #OoredooAtholhuDhuvun #MavesDhuvan ހޭޝްޓެގް ބޭނުންކުރައްވަންޖެހޭނެއްވެ. މީގެ އިތުރުން ޕޯސްޓް ފެންނާނެހެން އެކައުންޓް ޕަބްލިކް ކުރުމަށްވެސް އުރީދޫ އިން އިލްތިމާސްކުރެއެވެ.

2. ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދެއްވާ ޙާއްޞަ އިނާމެއްގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

3. އަދި މީގެ އިތުރުން، ވަރޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗަރ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ ބޭފުޅުންނަށް ރޭގަނޑުގެ ކެއުމެއް ލިބިވަޑައިގަންނަވާނެއެވެ.

އަތޮޅު ދުވުމުގައި ބައިވެރިވާ އެންމެހާ ދުވުންތެރިންވެސް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމޭހިތުމަށް އުރީދޫ އިން ބާރުއަޅައެވެ. އާއްމު ދުވުންތަކާއި ޙިލާފަށް، މި ވަރޗުއަލް ދުވުމަކީ 48 ގަޑިއިރުގެ ތެރޭގައި، ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް ފުރިހަމަ ކޮށްލެވޭނެ ދުވުމެކެވެ. އެންމެހާ ދުވުންތެރިންނަށްވެސް އުފާވެރި ތަޖުރިބާއަކަށްވާނެ ކަމަށް އުއްމީދު ކުރެއެވެ.

'އުރީދޫ އަތޮޅު ދުވުން' ވަރޗުއަލް ރަންއާއި ގުޅޭ އިތުރު މައުލޫމާތު، އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތައް މެދުވެރިކޮށް އަދި https://www.ooredoo.mv/atholhu-dhuvun/ އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް