ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމަށްޓަކައި އެކުލަވައިލާފައިވާ ޕޮލިސީ ލެވެލްގެ ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.
އޮންލައިންކޮށް އިއްޔެ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މި މަހުގެ ނުވަ ވަނަ ދުވަހުގައި ބޭއްވި ޕޮލިސީ ލެވެލް ބައްދަލުވުމުގައި އެކުލަވާލި ވޯކިން ގްރޫޕުން ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ މި ބައްދަލުވުމުގައި ސްޓިއަރިން ކޮމިޓީއާ ހިއްސާކޮށްފަ އެވެ.
އެ ވޯކިން ގްރޫޕާ ހަވާލުކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ދައުލަތުގެ މުއައްސަސާތަކާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި އެކަންތައްތައް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދެނެގަނެ އެކަންތައްތައް ފާހަގަކުރުން ހިމެނެއެވެ.
އޭގެއިތުރުން އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެދާނެކަމަށް ކަމާބެހޭ މުއައްސަސާތަކަށް ފާހަގަކުރެވޭ ގޮންޖެހުންތަކާއި ހައްލުތައް ފާހަގަކުރުމަކީވެސް އެ ވޯކިން ގްރޫޕަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކެވެ.
އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫންގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން ހިމެނިވަޑައިންނަވަ އެވެ.
އޭގެއިތުރުންވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީން އާއި ލޯކަލް ގަވާންމެންޓް އޮތޯރިޓީ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް އަދި ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް