ސުޝާންތް ސިންގ ރާޖްޕުޓްގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކާންޑޭ އާއި ގުޅޭގޮތުން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ދެއްކި ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ބޮލީވުޑްގައި ކުރިއަރަމުން އައި ބަތަލް ސުޝާންތު އަމިއްލައަށް މަރުވީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު މިހާތަނަށް ބުނެފައިވާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށް ކަމަށާއި މަރުވީ ސުޝާންތު ޑިޕްރެޝަނަށް ބޭސްކާތާ ހައެއްކަ މަސް ފަހުން ކަމަށެވެ.
ސުޝާންތާއި ޑިޕްރެޝަނާއި ގުޅުވައި ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ރިއާ އިއްޔެ މީޑިއާގައި ބުނެފައިވަނީ ސުޝާންތު ޑިޕްރެޝަނަށް ފަރުވާ ހޯދަން ފެށީ އޭނާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށިފަހުން ނޫން ކަމަށެވެ. ރިއާ ބުނީ ސުޝާންތު ޑިޕްރެޝަނަށް އެންމެ ފުރަތަމަ ފަރުވާ ހޯދަން ފެށީ 2013 ވަނަ އަހަރު އަންކިތާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު ކަމަށެވެ.
ސުޝާންތުގެ މަރާއި އަންކިތާ އާއި ގުޅުވަން މަސައްކަތް ކުރުމުގެ ގޮތުން ރިއާ އިތުރަށް ބުނެފައިވަނީ އަންކިތާ އާއި ސުޝާންތުގެ ލޯބީގެ ގުޅުން 2016 ގައި ނިމުމަކަށް އަޔަސް އެ ދެމީހުން ބަރާބަރަށް ގުޅުން ބާއްވައި ބައްދަލު ކޮށްހަދާ ކަމަށެވެ. އަދި އަންކިތާ ދިރިއުޅެމުންދަނީ ސުޝާންތު ގަނެދީފައިވާ ފްލެޓެއްގައި ކަމަށް ރިއާ ބުނެފައިވެ އެވެ.
މި ތުހުމަތުތަކާއި ގުޅިގެން އަންކިތާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާ އާއި ސުޝާންތު އެކުގައި އުޅުނު ހަ އަހަރުގެ ތެރޭގައި ޑިޕްރެޝަންގެ އެއްވެސް އަލާމާތެއް ސުޝާންތުގެ ފަރާތުން ފެނިފައި ނުވާއިރު އެކަމަށް ފަރުވާ ހޯދަން ޑޮކްޓަރަކަށްވެސް ދައްކާފައި ނުވާ ކަމަށެވެ. އަދި ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައި ފަހުން އެކަހެރިކޮށް ބައްދަލުކޮށް ގުޅުން ބަދަހިކޮށްފައި ނުވާނެ ކަމަށެވެ.
އަންކިތާ އިތުރަށް ބުނީ އޭނާ ދިރިއުޅޭ ފްލެޓަކީ ސުޝާންތު ގަނެދީފައި ހުރި ފްލެޓަކަށް ވިޔަސް ފްލެޓާއި ގުޅޭގޮތުން އެނގެން ޖެހޭ މައުލޫމާތު ސުޝާންތުގެ އާއިލާ އާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަންކިތާ ދަނީ ސުޝާންތުގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ.
ސުޝާންތުގެ މަރުގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނީ އިންޑިއާގެ ސީބީއައި އިންނެވެ. ސުޝާންތުގެ މަރާއި ގުޅިގެން ގިނަ ބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންނާއި ރިއާގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް ސުޝާންތުގެ ސަޕޯޓަރުންނާއި އާއިލާއިން ތުހުމަތު ކޮށްފައިވާގޮތުގައި އޭނާ އަމިއްލައަށް މަރުވީ މަޖުބޫރު ކުރުވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް