ބިދޭސީން ގައުމަށް ދާން ޖެހިފައިވާތީ އެ މަސައްކަތްތަކަށް ގައިިދީން ނެރުމަށް ގޮވާލާ ގަރާރެއް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ކޯވިޑް-19 އާއި ގުޅިގެން އެނބުރި އެމީހުންގެ ގައުމުތަކަށް ދާންޖެހިފައިވާތީ އެ މަސައްކަތްތަކަށް ޖަލުގައި ގައިދީން ނެރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށ...

28 Jul 2020 | 15:23

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ކޯވިޑް-19 އާއި ގުޅިގެން އެނބުރި އެމީހުންގެ ގައުމުތަކަށް ދާންޖެހިފައިވާތީ އެ މަސައްކަތްތަކަށް ޖަލުގައި ގައިދީން ނެރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ކޯވިޑް-19އާއި ގުޅިގެން އިގްތިސާދު ދަށްވެފައި ވަނިކޮށް ބިދޭސީން މަސައްކަތްތެރިން އެ މީހުންގެ ގައުމަށް ފޮނުވަން ފަށައިފައިވާތީ އެކިއެކި މަސައްކަތްތައް ކުރާނެ މީހުން ބޭނުންވެފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކުރުމަށް ޖަލުތަކުގައި ތިބި ގައިދީނަށް މާފުދީ މަސައްކަތަށް ނެރުމަށް ގޮވާލައްވާފައިވެ އެވެ.

ޖާބިރުގެ ގަރާރުގައި އެދިވަޑައިގެންފައިވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދާ ގައިދީންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތަކަށް ހުކުމް ކޮށްފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް މައާފު ދިނުމަށެވެ. މަސައްކަތަށް ނުނެރެވޭނެ ގައިދީންގެ ގޮތުގައި ޖާބިރު ފާހަގަ ކުރައްވާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މީހުން މެރުމުގެ ކުށްތަކުގައި ޖަލަށް ހުކުމް ކޮށްފައި ތިބި ގައިދީންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ބިދޭސީން އެނބުރި ގައުމަށް ދާން ޖެހިފައިވާ ކަމަށް ޖާބިރު ވިދާޅުވި އިރު އަނބުރާ ގައުމަށް ފުރުވާލަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން އެކަންޏެވެ. އެގޮތުން މިހާތަނަށް މިދިޔަ ހަތަރުވަރަކަށް މަސް ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ4،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފުރުވާލާފައިވެ އެވެ.

ސައްހަ ލިޔެކިޔުންތަކާއި އެކު ރާއްޖޭގައި މަސައްކަތް ކުރާ އެއްވެސް ބިދޭސީއަކަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ހުރަހެއް ނެތް އިރު ރާއްޖޭގެ ބޯޑަރު ހުޅުވުމާއި އެކު މީގެ ކުރިން އެނބުރި ދިޔަ ބިދޭސީ މަސައްކަތްތެރިން ދަނީ އެނބުރި ރާއްޖެ އަންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް