މި ދުވަސްވަރު އެއްވުންތައް ކަވަރު ކުރުމުގައި މީޑިއާތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ހަކަރާތްތެރިވުމަށް، އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ އެކްރެޑިޓް ފާސް އަޅުއްވައިގެން ހަރަކާތްތެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެއްވުންތައް ކަވަރު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ވީހާވެސް ގާތުން އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެއްވުންތައް ހިނގަމުންދާ ސަރަހައްދުތަކުގައި ޕޮލިސް މީޑިއާގެ ފަރާތުން އޮފިޝަލުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، އެއްވުންތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް މިހާރު ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވެއެވެ.
ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ އިޖްތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި، ބައެއް މީހުން މާސްކްވެސް ނާޅާ އެއްވުންތައް ކުރިއަށްގެންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި މި ވަގުތަކީ ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށްވުމާއި ފުލުހުންގެ ތެރެއިންވެސް ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުން ފައްސިވާ އަދަދު އިތުރުވާ ދުވަސްވަރަކަށްވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށާއި ގާނޫނީ ތަރަހައިގެ ތެރެއިން ކޯވިޑް 19ގެ ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލު ފާޅުކުރެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.
ފުލުހުން މިކަންކަން ފާހަގަކޮށްފައިވާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން މިވެސް މުޒާހަރާ ކުރަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް