ހުވަދު އަތޮޅުގެ ހުރިހާ ކަނޑުއޮޅިތަކަށް ފީނުމުގެ ޙަރަކާތެއް ދިވެހި މަސްވެރިންގެ ޖަމުޢިއްޔާއިން "ޑިސްކަވަރ ހުވަދު"ގެ ނަމުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެ ޖަމިއްޔާއިން މައުލޫމާތުދެއްވާގޮތުގައި މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމައިން ފެށިގެން ތިނެއް އޯގަސްޓްގެ ނިޔަލަށެވެ.
ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއިއެކު، މަސްވެރިންގެ ޖަމުޢިއްޔާއިން، ކުރިއަށްގެންދާ މިޙަރަކާތުގައި ހުވަދުއަތޮޅުގެ ވަށައިގެންވާ ކަނޑުއޮޅިތަކަށް ފީނުމުގެ އިތުރުން، ޑައިވްކުރުމުގައި ދިމާވާ އެކިކަންކަމަށް މަސްވެރިންނާއި ޑައިވަރުން ހޭލުންތެރިކުރުމަށް ޙާއްޞަ ޙަރަކާތެއް ކުރިއަށް ގެންދާނެއެވެ. އަދި ޑައިވްސައިޓްތަކުގެ ޢިލްމީ ދިރާސާއަކާއިއެކު މިޙަރަކާތާގުޅޭ ޙާއްޞަ ޑޮކިއުމެންޓްރީތަކެއް އުފައްދާނެއެވެ.
ހޭލުންތެރިކުރުވުމުގެ ޙަރަކާތުގައި މަސްވެރިކަންކަމަށް ބޭނުންވާ އެންހިފުމަށްޓަކާ ޑައިވްކުރާއިރު، ޑައިވަރުން ސަމާލުކަން ދޭންވީ ކަންތައްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ޑައިވްކުރުމަށްޓަކާ ޑައިވްކޯސްހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެއެވެ. މިހޭލުންތެރިކުރުވުމުގެ ކެމްޕެއިން ވަރޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ފަންނީ މާހިރުން މި ކެމްޕެއިންގައި ބައިވެރިވާ ގޮތަށެވެ.
ހުވަދުއަތޮޅަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު މުރަކައިގެން އަތޮޅެވެ. އަދި އެއްއަތޮޅެއްގައި އެންމެ ގިނަ ރަށްތައް އުފެދިފައިވާ ހަމައެކަނި އަތޮޅަށްވުމުގެ ޝަރަފާއިއެކު ވޯލްޑް ރެކޯޑް ފޮތުން ޖާގަހޯދާފައިވާ އަތޮޅެކެވެ. ރާއްޖެއަށް ފީނުމަށް އަންނަ ފަތުރުވެރިންގެ މެދުގައި މަޤްބޫލު "ޑީޕް ސައުތް"ގައި ހިމެނޭ ހުވަދުއަތޮޅަކީ، ޑައިވް ސައިޓްތައް ގިނަ އަދި ޤުދުރަތީ ރީތިކަން ލިބިފައިވާ ފަރުތަކާއި ރަށްތައް އެކުލެވިގެންވާ އަދި ދޫނިތަކަށް ޙާއްސަ ރަށްތަކެއްވެސް ހިމެނިފައިވާ އަތޮޅެކެވެ.
"ޑިސްކަވަރ ހުވަދޫ"ގެ ތެރެއިން މިޑައިވްސައިޓްތަކުގެ ހާލަތު ދެނެގަނެވި، ޢިލްމީ ގޮތެއްގައި އެތަންތަނުގައި ހުރި ދިރުންތަކާއި ގުޅޭގޮތުން ދިރާސާއެއް ކުރުމަށް ޑާޓާ އެއްކުރެވިގެންދާނެއެވެ. މިޢިލްމީ ދިރާސާ ކުރިއަށްދާނީ މިކަމުގެ ފަންނީ މާހިރުންގެ އިރުޝާދާއި އެއްގޮތަށެވެ.
އެ ޖަމިއްޔާއިން މައުލޫމާތުދެއްވާގޮތުގައި މި ޙަރަކާތުގައި ޑައިވްތައް ކުރިއަށްދާނީ މިކަމުގެ އެންމެ މަތީ މިންތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައެވެ. މިގޮތުން ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓަރުން މިޙަރަކާތުގައި ބައިވެރިވާނެއެވެ. މައިގަނޑު ގޮތެއްގައި ޑައިވްތައް ކުރިއަށްދާނީ މަސްވެރިންގެ ޖަމުޢިއްޔާއިން ހޮވާލެވޭ ޑައިވަރުންނާ އެކުގައެވެ.
މިފަދަ ޙަރަކާތެއް ކުރިއަށް ގެންދަނީ، މިހާރު މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކާއެކުގައެވެ. މި ޙަރަކާތުގައި މާލެއިން ބައިވެރިވާ އެކްސްޕާޓުންގެ ޓީމުގެ ޑައިވް ޙަރަކާތްތައް ހުވަދުއަތޮޅުގެ ދެކުނުބިތުގައި މިހާރުދަނީ ކުރިއަށެވެ. މިޓީމުގައި ހިމެނެނީ އަންޑަރވޯޓަރ ވީޑިއޯގްރާފަރަކާއި، އެންވަޔަރަމެންޓަލް އެކްސްޕާޓެއްގެ އިތުރުން ކޮމިއުނިކޭޝަންސް ސްޕްޝަލިސްޓެކެވެ.
މިޙަރަކާތުގެ ޕާޓްނަރުންނަކީ މެރިން އިކުއިޕްމެންޓްސް، އަޕްނިއާ މޯލްޑިވްސް، އަދި ބޭންކް އޮފް މޯލްޑިވްސްއެވެ. މިޙަރަކާތް އިންތިޒާމް ކުރަނީ ޓާކޮއިޝް ލެބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް