އިންޑިއާގެ އެޗްއައިސީޑީ ޕްރޮޖެކްޓްސް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގޭ ނުވަ މަޝްރޫއެއްގެ ރަމްޒީ ޗެކު ހަވާލުކޮށްފި

އިންޑީއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގޭ ނުވަ މަޝްރޫއުއެއްގެ ރަމްޒީ ޗެކް ހަވާލުކޮށްފިއެވެ. ރަމްޒީ ޗެކު ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީގަ...

28 Jul 2020 | 12:32

އިންޑީއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގޭ ނުވަ މަޝްރޫއުއެއްގެ ރަމްޒީ ޗެކް ހަވާލުކޮށްފިއެވެ.

ރަމްޒީ ޗެކު ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ހައި ކޮމިޝަނަރ ސަންޖޭ ސުދީރެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއާއި، މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން އައްޑޫ ސިޓީ އަދި ހޯރަފުށީގެ މަޖްލިސް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ދެގައުމުގެ މެދުގައި އެޗް.އައި.ސީ.ޕީ.ޑީ އާއި ގުޅޭ ބައިލެޓަރަލް އެމް.އޯ.ޔޫ ގައި ސޮއި ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގައި އިންޑިއާގެ އޭރުގެ އެކްސްޓާނަލް އެޕެއާޒް މިނިސްޓަރ އަލްމަރްހޫމާ ސުޝްމާ ސްވަރާޖް ކުރެއްވި ދަތުރުފުޅުގައެވެ. މި އެމް.އޯ.ޔޫ ގެ ދަށުން ރާއްޖޭގައި އެޗް.އައި.ސީ.ޕީ.ޑީ މަޝްރޫއުތަށް ހިންގުމަށް 85 މިލިއަން ރުފިޔާ (5.6 މިލިއަން ޑޮލަރު) ގެ ގްރާންޓެއް އިއުލާނުކުރެވުނެވެ. އަދި މީގެ އިތުރުން ކުދި މަޝްރޫއުތަށް ހިންގުމަށް 106 މިލިއަން ރުފިޔާ (7 މިލިއަން ޑޮލަރު)ގެ ކޭޝް ގްރާންޓެއްވެސް ފޯރުކޮށްދެވުނެވެ. މި ގްރާންޓްގެ ދަށުން ހިންގޭ މަޝްރޫއުތަކަކީ ދިވެހި ސަރުކާރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ހޮވާފައިވާ ސިއްހީ، ތައުލީމީ، ކުޅިވަރު، އަދި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަށް ކުރިއެރުވުން ފަދަ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކެކެވެ.

އެޗް.އައި.ސީ.ޕީ.ޑީ ސްކީމްގެ ދަށުން އައްޑޫ ސިޓީގެ ފޭދޫ، މީދޫ އަދި ހިތަދޫގައި ތިން މަސް ޕްރޮސެސިންގް ޕްލާންޓް ގާއިމްކުރުމާއި ބެހޭ އެމް.އޯ.ޔޫ ޑިސެމްބަރ 2019 ގައި ސޮއި ކުރެވުނެވެ. އަދި އައްޑޫ ސިޓީގެ ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫގައި އައްޑޫ ޓޫރިޒަމް ޒޯން ގާއިމް ކުރުމާއި ގުޅޭ އިތުރު ފަސް އެމް.އޯ.ޔޫ އެއްގައި ފެބްރުއަރީ 2020 ގައި ސޮއި ކުރެވުނެވެ. އަދި ހަމަ ފެބްރުއަރީ 2020 ގައި ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމް ކުރުމާއި ބެހޭ އެމް.އޯ.ޔޫ އެއްގައި ސޮއި ކުރެވުނެވެ. އައްޑޫ ސިޓީގައި ހިންގޭ މަސް ޕްރޮސެސިންގް ޕްލާންޓްތަކާއި އިކޯ ޓޫރިޒަމްގެ މަޝްރޫއުގެ އިމްޕްލިމެންޓީންގް އޭޖެންސީއަކީ އައްޑޫ ސިޓީ ކައުންސިލްއެވެ. އަދި ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓް ގާއިމް ކުރުމުގެ މަޝްރޫއުގެ އިމްޕްލިމެންޓީންގް އޭޖެންސީއަކީ ހޯރަފުށި ކައުންސިލެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި އެކުގައިވެސް ލޯކަލް ކައުންސިލް ތަކުން ވަނީ އެޗް.އައި.ސީ.ޕީ.ޑީ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ކެންޑިނޭޅި މަސައްކަތް ކޮށްފައެވެ. އެގޮތުން 22 ޖުލައި 2020 ގައި އައްޑުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މަސް ޕްރޮސެސިންގް ޕްލާންޓްތަކުގެ ކޮންސްޓްރަކްޝަންއާއި ގުޅޭ ކޮންޓްރެކްޓް ވަނީ ހަވާލު ކުރެވިފައެވެ. އަދި އިކޯ ޓޫރިޒަމް މަޝްރޫއުގެ ކޮންޓްރެކްޓްތަށް ވަރަށް އަވަހަށް ހަވާލު ކުރެވޭނެއެވެ. މީގެ އިތުރުން ހޯރަފުށީ ފެން ބަންދުކުރާ ޕްލާންޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މި ފެށޭ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވޭނެ ކަމަށް ލަފާ ކުރެވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ފާހަގަ ކުރެއްވިގޮތުގައި އިންޑިއާ އަދި ދިވެހިރާއްޖެ ގުޅިގެން ދެމެހެއްޓެނިވި ތަރައްގީގެ އެތަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ދިވެހިރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އިންޑިއާއިން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ބޮޑެތި މަޝްރޫއުތަށް ހިންގުމަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގާއިމް ކޮށްދިނުމާއި ކުދި މަޝްރޫއުތައް ހިންގުމަށް ގިނަ އަދަދެއްގެ ގްރާންޓް ވަނީ ފޯރުކޮށްދެވިފައިކަން ފާހަގަކޮށްލެވެއެވެ. ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގޭ ދިގު މުއްދަތުގެ މަޝްރޫއުތަކަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއަށް މަގުފަހި ކޮށްދޭ މަޝްރޫއުތަކެކެވެ. އަދި ކުދި ގްރާންޓްތަކުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ ކޮމިއުނިޓީ އިމްޕެކްޓް މަޝްރޫއުތަކަކީ ރާއްޖޭގެ ރަށްތައް ކުރިއެރުވާ ރަށްތަކުގެ ރައްޔިތުންނަށް ފައިދާތަކެއް ކުރުވަނިވި މަޝްރޫއުތަކެކެވެ. އިންޑިއާގެ އެހީގެ ދަށުން ހިންގޭ މަޝްރޫއުތަކުގެ ތެރޭގައި މަސްވެރިކަން، އިކޯ-ޓޫރިޒަމް، ކުޅިވަރު، ގޮޑުދޮށް ހިމާޔަތްކުރުން، އަދި ދެމެހެއްޓެނިވި ތަރައްގީ ފަދަ ތަފާތު ދާއިރާތަކާއި ގުޅުންހުރި މަޝްރޫއުތަށް ހިމެނެއެވެ. މީގެ އިތުރުން ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގޭ މަޝްރޫއުތަކަކީ ފެނާއި ނަރުދަމާ، މަގުތަށް ތަރައްގީކުރުން، ޕޯޓު، ކެންސަރު ހޮސްޕިޓަލް، ކްރިކެޓް ސްޓޭޑިއަމް އަދި އެއާޕޯޓު ކުރިއެރުވުން ފަދަ އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއުތަކެވެ.

ހައި ކޮމިޝަނަރ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އިންޑިއާގެ އެހީގެ ދަށުން ހިންގޭ ހުރިހާ މަޝްރޫއުއަކީ ވެސް ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން ހިންގޭ މަޝްރޫއުތަކެކެވެ. އެގޮތުން ޓެންޑަރިން، އަގު ނިގޯޝިއޭޓް ކުރުން، ޓެންޑަރު ހަވާލުކުރުން އަދި މޮނިޓަރ ކޮށް މަޝްރޫއު ހިންގުމުގެ ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވަނީ ދިވެހި ސަރުކާރުގެ މިނިސްޓްރީ ތަކާއި އެހެނިހެން އިދާރާތަކުންނެވެ. އެހެންކަމުން އިންޑީއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ގެ ދަށުން ހިންގޭ ހުރިހާ މަޝްރޫއުއެއްވެސް ހިންގަނީ ދިވެހިންނެވެ. އަދި ދިވެހިންނަށްޓަކާއެވެ.

'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް'ގެ މި މަޝްރޫއުތަކަކީ އިންޑިއާއާއި ދިވެހިރާއްޖޭގެ ދެމެދުގައިވާ ގާތް ގުޅުމުގެ އެންމެ މުހިންމު އެއް ބައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުތަށް ހިންގަމުންދާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މިހެންކަމުން މިއީ އަތޮޅު، ރަށު އަދި ސިޓީ ކައުންސިލްތަކުގެ ޒިންމާތަކާއި ގާބިލުކަން އިތުރުވެ، ދިވެހި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށްވާ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް ވެވޭ އެހީތެރިކަމެއްކަމަށް އުންމީދުކުރެވެއެވެ.

އިންޑިއަން އެމްބަސީން މައުލޫމާތުދެއްވާގޮތުގައި އިންޑިއާ ސަރުކާރުގެ އުންމީދަކީ މިފަދަ ކުދި ގްރާންޓްތަކުގެ ދަށުން ހިންގޭ އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތް އަވަހަށް ފުރިހަމަ ކުރެވި، ދިވެހި ރައްޔިތުންނަށް މި ޕްރޮޖެކްޓްތަކުގެ ފައިދާ ލިބެންފެށުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް