ސަރުކާރުގެ އިކޮނޮމިކް ޕެކޭޖްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯންތައް މިހާތަނަށް 330 ވިޔަފާރިއަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ބީއެމްއެލް އިން ވަނީ މިހާތަނަށް 475.5 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ. އަދި 6.0 މިލިއަން ޑޮލަރު މިހާތަނަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
މިހާތަނަށް 542 ފަރާތަކުން ލޯނަށް އެދި ހުށައަޅާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ އިރު، އޭގެ ތެރެއިން 367 ފޯމް އެޕްރޫވް ކޮށްފައި ވެއެވެ. އަދި 128 ފޯމު ރަނގަޅަށް ފުރިހަމަ ނުވާކަމަށް ފިނޭންސް އިން ބުނެ އެވެ.
ލޯނަށް އެދި ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން 16 ފޯމު ރިޖެކްޓުކޮށްލާފައި ވާއިރު، މިވަގުތު ޕްރޮސެސިން ގައި 31 ފޯމު އެބައޮތް ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.
ބީއެމްއެލް އިން ވަނީ ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުންކަމަށް ބުނެފަ އެވެ. އަދި ކަސްޓަމަރުން ވިހާވެސް އަވަހަކަށް އެ ލިޔުންތައް ފޮނުވުމަށް ބީއެމްއެލުން އިލްތިމާސްކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް