ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިމަހުގެ 26 ވަނަ ދުވަހު ނިންމާލައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން އިނެ ނެރުނު ބަޔާނެއްގައި ބުނީ، ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް އަތުރާފައި ވާ ކަމަށެވެ.
މީގެ އިތުރުން 5000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫޢަކީ ފޮއްދޫއަށް ދިމާވެފައިވާ ރަށް ގިރުން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
25 ފެބްރުއައީ 2020 ގައި މި މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރެވުނު ނަމަވެސް، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރޗްމަހުގެ 7 ވަނަދުވަހުއެވެ. އަދި މި މަޝްރޫޢަށް 6.7 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް