ނޫސްވެރިންނަށް ހުރަސް ނޭޅުމަށް އެމްއެމްސީ އިން ގޮވާލައިފި

މީޑިއާ އާއި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަށް އިންތިޒާމްތައް ރާވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ. މީޑިޔާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ހަމަހ...

28 Jul 2020 | 07:38

މީޑިއާ އާއި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަށް އިންތިޒާމްތައް ރާވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.

މީޑިޔާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުޞަތު ހުރިހާ މީޑިއާތަކަށާއި އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ލިބިފައިވާކަން ޔަގީން ކުރުމަކީ މީޑިޔާ ކައުންސިލްގެ ޤާނޫނީ ޒިންމާއެކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއްކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް މި ބަޔާނުގައި ވިދާލުވެފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެ ނޫން ވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ވަކި ވަކި މީޑިއާ އިދާރާތަކަށް ތަފާތުކުރުން ގެންގުޅޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންވެސް ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ އިމުގެ ތެރޭގައި މިފަދަ ކަންކަން ކަވަރުކުރުމުގެ މަސައްކަތް ކުރުމަށް މީޑިއާ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް / ޕީއެންސީ އިން ބޭއްވި މުޒާހަރާ ކަވަރު ކުރަން ދިޔަ ނޫސްވެރިންނަށް ވެސް ފުލުހުންގެ ފަރާތުން ހުރަސް އެޅި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި މުޒާހަރާގެ މަންޒަރު ނުފެންނަ ހިސާބަށް ނޫސްވެރިން ދުރަށް ޖައްސައި ކަވަރު ކުރަން ހުރަސް އެޅެފަދަ ކަންކަން ކުރިމަތިވި ކަމަށް ވެސް ބުނެފައި ވެއެވެ.

ނޫސްވެރިންވެސް މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމަށް ޙަރަކާތްތެރިވާއިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ޚާއްސަ ފާސް އަޅައިގެން ޙަރަކާތްތެރިވުމަށްވެސް މީޑިޔާ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް