ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އިހުމާލުވިތޯ ބެލުމަށް އެންއައިސީއަށް!

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި ...

28 Jun 2020 | 13:29

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލަ އެންއައިސީއަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

އުޝާމް އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނަށް އުޝާމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖިންސީ ގޯނާ ކުރަމުންދިޔަ ދެ މީހަކު ކުށުގެ ވެށިން ހައްޔަރު ކުރުމަށް ފަހުހިނގާދިޔަ ކަންކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން މިހާތަނަށް މި މައްސަލައިގަ އަމަލު ކޮށްފައިވަނީ އުސޫލުތަކާއި އެއްގޮތަށް ނޫންކަން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

އުޝާމް ވިދާޅުވީ މި މައްސަލައިގަ ފުލުހުން އެގޮތަށް އަމަލު ކުރަމުންދަނީ ބައެއް ފަރާތްތަކުގެ ނުފޫޒުން ކަމަށްވެސް ތުހުމަތު ކުރެވެމުންދާ ކަމަށެވެ.

ފުލުހުންނާއި ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ދެކެވެމުންދާއިރު އެންއައިސީއަކީ ފުލުހުން ގާނޫނާއި ގަވައިދުގެ ތެރެއިން އަމަލު ކުރޭތޯ ބެލުމަށް އުފައްދާފައިވާ ކޮމިޝަން ކަމަށްވާތީ އެ ކޮމިޝަނަށް ލިބިދޭ ގާނޫނީ ބާރުގެ ތެރެއިން މި މައްސަލައިގަ ފުލުހުން އަމަލުކޮށްފައިވާ ބަލައި ދިނުމަށް އެދޭކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ. އަދި މި މައްސަލަ ބަލައި ދިނުމަށް އެދިފައިވަނީ އަވަސް މައްސަލައެއްގެ ގޮތުގައި އެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ހައްޔަރު ކުރި 39 އަހަރުގެ ދެ ފިރިހެނުން ދޫކޮށްލީ ބަންދުގައި ބައިތިއްބާނެ ސަބަބެއް ނެތިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު އެ ދެމީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް