ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ އަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކަށް ބައްޕައަކު ޖިންސީ ގޯނާ ކުރާކަމުގެ މައްސަލައެއް ހުށަހެޅީ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށެވެ. އެމީހާ ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 13 އަހަރުގެ ދަރިފުޅަށެވެ.
ފުލުހުން ބުނީ 35 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކުރީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެމީހާގެ ބަންދަށް ކޯޓުން ޖަހައިދީފައިވަނީ އަށް ދުވަހެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދަނީ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުންނެވެ.
މިމަހު ކުރީކޮޅުވެސް ވަނީ ގެސްޓު ހައުސްއަކަށް ގެންގޮސް އުމުރުން 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެފައި އެވެ. މި މައްސަލައިގަ ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާ މައްސަލަތެކެކެވެ. އެކަމަކު މިދިޔަ ހަފްތާ ބަންދުގައި ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ދެމީހަކު ކުށުވެށިން ހައްޔަރު ކުރުމަށް ފަހު ހައްޔަރުކޮށްފައި ބައިތިއްބާނެ ސަބަބެއް ނެތިގެން ވަނީ ދޫކޮށްލާފައި އެވެ.
މައުލޫމާތު ލިބޭގޮތުގައި އެ އަންހެން މިހާ ރޭޕް ކުރުމުގައި ބައިވެރިވެފައިވާ ދެ މީހުންނަނީ ސަރުކާރުގެ އިސްވެރިއެއްގެ އާއިލާ މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް