ސްޓާ ޕަލަސްއިން ދައްކާ “ކަސައުޓީ ޒިންދަގީ ކީ" ގައި މުހިންމު ކެރެކްޓާ މިސްޓަ ބަޖާޖުގެ ރޯލު މިދިޔަ އަހަރު އެ ޗެނަލުން ނިންމާލި ޑްރާމާ ސީރިޒް "ޔޭ ހޭ މުހައްބަތޭން" ގެ ލީޑު ރޯލުން ފެނިގެން ދިޔަ ކަރަން ޕަޓޭލްއަށް ދީފި އެވެ.
މި ރޯލުން އޭނާ ފެނިގެންދާނެ ކަން ކަރަންގެ މެނޭޖަރު މީޑިއާގައި ވަނީ ކަށަވަރުކޮށްދީފައި އެވެ. އަދި ކަރަން ހިމަނައިގެން ކަސައުޓީގެ ޝޫޓިންތައް މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.
ކަރަން މީޑިއާގައި ބުނެފައިވަނީ މިސްޓަ ބަޖާޖުގެ ކެރެކްޓާ ކުޅެން ލިބުމަކީ ޝަރަފެއް ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރާނީ "ޔޭ ހޭ މުހައްބަތޭން" ގައި ކުޅުނު މިސްޓަ ބައްލާގެ ކެރެކްޓާ އިން ލިބުނު ވަރުގެ ތަރުހީބެއް ބަޖާޖްގެ ކެރެކްޓާ އިން ވެސް ހޯދަން ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓާލާފައި އޮންނަތާ ދެ މަސް ދުވަސް ފަހުން އަލުން މަސައްކަތް ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ބާޖާޖްގެ ރޯލަށް އެހެން މީހަކު ހޯދަން ޖެހުނީ އެ ކެރެކްޓާ ކުޅެމުން އައި ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ގްރޯވާ ޝޯ ދޫކޮށްލަން ނިންމުމުންނެވެ. ކަރަން ވަނީ ކޯވިޑް-19 އަށް ފަހު އަލުން ސީރީޒްގެ މަސައްކަތަށް ނުކުންނަން ދެކޮޅު ހަދާފައި އެވެ.
އުޒުރެއްގެ ގޮތުގައި އޭނާ ބުނަމުން ދިޔައީ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ޝޫޓިންތަކުގައި ބައިވެރިވާން އަދި ދެވެން ނެތް ކަމަށެވެ. އެކަމަކު ކޯވިޑް-19 ގެ ކުރިން ކަސައުޓީގެ ރޭޓިން ދަށްވާން ފެށުމުން އޭނާ އެ ސިރީޒް ދޫކޮށްލަން ބޭނުންވެގެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިއީ ކަސައުޓީގައި މިސްޓަ ބަޖާޖުގެ ކެރެސްޓަރު ކުޅެމުން އައި މީހުން ބަދަލުވާ ތިން ވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް