ރާއްޖެއިން ފަރުވާ ދެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 37 މީހަކު މާދަމާ އިންޑިއާއަށް ފުރާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ކޮންމެހެން ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާންޖެހޭ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާދަމާ37 މީހަކު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އާސަންދަ އޮފީހުން ކުރިން ބުނެފައިވަނީ ރާއްޖެއިން ބޭރަށް ކޮންމެހެން ބޭސް ފަރުވާއަށް ދާންޖެހޭ ގިނަ ދިވެހިންތަކެއް އެބަތިބި ކަމަށެވެ. އެކަމަކު ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ވާތީ ފޮނުވުމަށް މަސައްކަތް ކުރަނީ ރާއްޖެއިން އެއްވެސް ފަރުވާ ދެވެން ނެތް މީހުންނެވެ.
އެގޮތުން ރާއްޖެއިން އެއްވެސް ފަރުވާއެއް ދެވެން ނެތް 37 މީހަކު އެބަތިބި ކަމަށް އާސަންދައިން ބުނެ އެވެ. އޭގެ ތެރޭގައި ގިނައީ ކެންސަރަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.
އިތުރު ފަރުވާދޭން ޖެހޭ މީހުން ގެންދިއުމަށް މަސައްކަތް ކުރަނީ އިންޑިއާ ނުވަތަ ސްރީލަންކާއަށެވެ. އެމީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ފޮރިން މިނިސްޓްރީ މެދުވެރިވެގެން ނެވެ.
ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރަން ފެށި އިރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ ބައެއް މީހުން ތިބީ ރާއްޖެއިން ބޭރުގައި އެވެ. އެމީހުން އެނބުރި ރާއްޖެއަށް އަންނަން އެދުމުން ގެނެސްދީފައިވާއިރު އޭރު އެޗްޕީއޭއިން ވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އެނބުރި ރާއްޖެ ނައުމަށް ތަކުރާރުކޮށް އެދިފައި އެވެ.
އެއީ ކޯވިޑް-19 ގެ ހާލަތު ދިގު ދެމިގެންދާނެ ދުވަހެއް ނޭނގޭތީ އަނބުރާ ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ދުވަހެއްގެ ޔަގީންކަން ނެތުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް