ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށް އެފަދަ ކޮންމެ މައްސަލައެއްގެ ތަފްސީިލް ނޫސްވެރިންނާއި ހިއްސާ ކުރާއިރު ފޮނުވާ މެސެޖުގެ ތިރީގައި ލިޔެފައި އިންނާނެ އެވެ.
މިފަހަކުން ޖިންސީ ގޯނާގެ މައްސަލަތަކުގައި ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ނޫން ކަމުގައި ވިޔަސް ފޮރެންސިކް ތަހުލީލުތައް ކޮށް ޖިންސީ ގޯނާގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފައިވެ އެވެ. އޭގެ އެއް ކޭސްއަކީ މިމަހުގެ ތެރޭޣައި ގެސްޓު ހައުސްއެއްގައި އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ މައުލޫމާތު ހާމަ ކުރުމެވެ.
އެމީހާ ވަނީ ތަހުގީގު ނިމެންދެން ފުލުހުންގެ އެދުމަށް ބަންދުކޮށްދީފައި އެވެ.
އެކަމަކު މިދިޔަ ހަފްތާ ބަންދު ތެރޭގައި ޖިންސީ ގޯނާގެ ތަފާތު މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ފުލުހުން ނޫސްވެރިންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕް ކުރަނިކޮށް ކުށުގެ ވެށިން ދެ މީހަކު ހައްޔަރު ކުރި ކަމަށެވެ. އެއީ 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ބުންޏެވެ.
އެކަމަކު ކުށުގެ ވެށިން ހައްޔަރު ކުރި ބައެއްގެ މުއްދަތާއި މެދު ނިންމި ގޮތެއް ހާމައެއް ނުކުރެ އެވެ. އޭގެ ފަހުން ނޫސްވެރިން އެކަމާއި ގުޅޭގޮތުން ސުވާލު ކުރަން ފެށުމުން އިއްޔެ މެންދުރުވާން އުޅެނިކޮށް ބުނެފައިވަނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން އެ ދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކާކުކަމެއް ކުރިއަކުން ނުބުނެ އެވެ. އެންމެ ފަހުން ރޭ ނޫސްވެރިން ހުއްޓުމެއް ނެތި ފުލުހުންނަށް ކުރިމަތި ކުރުވި ސުވާލުތަކާއި އެކު ފުލުހުން ބުނެފައިވަނީ އެރޭ މައްސަލަ ހުށަހެޅީ ޖިންޖީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާ ކަމަށެވެ.
މިއީ ބޮޑު ސުވާލެއް ހުރިހާ ނޫސްވެރިންގެ ހިތުގައި އުފެދުނު ކަމެކެވެ. ފުލުހުން އެންމެ ސީރިއަސްކޮށް ބަލާ، ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހަކު ބަންދުގެ މުއްދަތު ނުޖަހައި، ހައްޔަރުގައި ބެހެއްޓޭނެ ސަބަބެއް ނެތިގެން ދޫކޮށްލަން ޖެހުމެވެ.
މިކަމާއި ގުޅިގެން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ފުލުހުންނަށް ކުރިމަތި ކުރުވި އެވެ. އޭގެން ގިނަ ސުވާލުތަކަށް ފުލުހުން ޖަވާބު ނުދީ ބުނަމުން ދިޔައީ އެ ދެމީހުން ބަންދުގައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށާއި އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި އިތުރަށް އެއްވެސް މައުލޫމާތެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ. ރޭޕް ކުރަނިކޮށް ހައްޔަރު ކުރި ދެމީހުން ކަމަށް ބުނަން ފެށުމުން ފުލުހުން ވަނީ ރަނގަޅު ގޮތަކީ "ޖިންސީ ގޯނާ" ކަމަށްވެސް ބުނެފައި އެވެ.
ލިބިފައިވާ މައުލޫމާތުތަކަކަށް ބަލާއިރު ކުށުގެ ވެށިން ހައްޔަރު ކުރި ދެމީހުންނަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ އާއިލާއެއްގެ ބައެކެވެ. އެމީހުން ދޫކޮށްލަން ފުލުހުންނަށް މަޖުބޫރުވީ "މަތިން އައި އޯޑަރަކަށް" ކަމަށް ވެ އެވެ.
ބައެއް މީހުން ބުނަމުންދާގޮތުގައި އޭގެ ތެރެއިން އެކަކީ ރައްޔިތުންްގެ މަޖިލީހުގެ މެންބަރެއްގެ އާއިލާ މީހެކެވެ. އަނެއް ބަޔަކު ދަނީ ކުށުގެ ވެށިން ހައްޔަރު ކުރި ބައެއްގެ ފޮރެންސިކް ތަހުލީލުތައް ނުކޮށް ދޫކޮށްލި ކަމުގެ ތުހުމަތުވެސް ކުރަމުންނެވެ.
ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު އެ ދެ މީހުން ދޫކޮށްލަން ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް އެންގީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
އެކަމަކު އެކަން ފުލުހުންގެ މީޑިއާއިން ދޮގު ކުރެއެވެ. ހާއްސަކޮށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެމީހުން ދޫކޮށްލަން އަމުރު ކުރެއްވިތޯ ނޫސްވެރިން އެހުމުން ފުލުހުން ބުނީ އެފަދަ އަމުރެއް ސީޕީ ހަމީދު ނުކުރައްވާ ކަމަށެވެ.
މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ދަނީ މިނިވަން ކަމާއި އެކު އުސޫލު ތަކުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.
ސަފާރީގައި ޖިންގީ ގޯނާގެ މި މައްސަލައިގަ ފުލުހުން އަމަލު ކުރަމުން މިދާ ގޮތާއި މެދު ނޫސްވެރިންގެ އިތުރުން ގިނަ އެއްގެ ހިތުގައި ދަނީ ސުވާލު އުފެދެމުންނެވެ. ބިދޭސީއަކަކަށްވިޔަސް ޖިންސީ ގޯނާގެ މައްސަލަތަކުގައި އަމަލު ކުރެވެން ވާނީ އެއް ހަމައަކުންނެވެ.
ހާއްސަކޮށް މިފަދަ މައްސަލަތަކުގައި ސިޔާސީ ނުފޫޒުގެ ސަބަބުން ކުށްވެރިން މިނިވަންކަމާއި އެކު އުޅެން ދޫކޮށްލަން ޖެހުމުން ފުލުހުންގެ ގަދަރާއި އިއްޒަތް ގެއްލި ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް