ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކަށް ސައޫދީ އަރަބިޔާ އިން ދޭ ލުއިތަކުގެ ތެރެއިން، މިސްކިތްތައް ހުރިހާ ފަރުޟު ނަމާދަކަށާއި، ހުކުރު ނަމާދަށް އާންމުކޮށް އަލުން ހުޅުވާލަން ނިންމާފައިވާއިރު، އެކަމުގައި އަމަލުކުރާނެ އުސޫލުތަކެއް އެ ގައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އާންމު ކޮށްފިއެވެ. ސައޫދީން މިސްކިތްތައް އަލުން ހުޅުވާލަން ނިންމި ނިންމުމުގައި މައްކާ ނުހިމެނެއެވެ.
ސައޫދީ އަރަބިޔާގެ އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ޝެއިޚް ޢަބްދުއްލަތީފު ވަނީ، މިސްކިތަށް ދާ މީހުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުތަކާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަޔާން ކޮށްދެއްވާފައެވެ. މީގެ ތެރެއިން މިސްކިތްތަކުން އަޅަންވީ ފިޔަވަޅުގެ ގޮތުގައި ހިމަނާފައިވާ ކަންތައްތަކަކީ:-
- ބަންގި ގޮވުމުގެ 15 މިނިޓު ކުރިން މިސްކިތްތައް ހުޅުވައި، ނަމާދުގެ ޖަމާޢަތް ނިމޭތާ 10 މިނިޓްގެ ތެރޭގައި ބަންދު ކުރުން
- ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު 10 މިނިޓަށް ކުރުކުރުން
- މިސްކިތްތައް ހުޅުވާ ވަގުތުން ފެށިގެން ނަމާދު ނިމެންދެން މައިދޮރާއި، ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުން
- މިސްކިތުގައި ބަހައްޓާފައިވާ އެންމެހާ ފޮތްތައް ވަގުތީ ގޮތުން ނެގުން
- މިސްކިތަށް ހާޟިރުވާ މީހުން، އެކަކު އަނެކަކާ ދެމެދު 2 މީޓަރުގެ ދުރުމިން ބަހައްޓާކަން ކަށަވަރުކުރުން
- ކޮންމެ 2 ސަފެއްގެ ދެމެދުން ހުސް ސަފެއް ދޫކޮށްލުން
- ފެން ކޫލަރުތަކާއި ރެފްރިޖިރޭޓަރުތައް ބަންދުކުރުން
- މިސްކިތުގައި ފެނާއި، ކާނާ އެކަކު އަނެކަކަށް ބެހުމުގެ ފުރުސަތު ނުދިނުން
- ފާޚާނާތަކާއި، ވުޟޫކުރާ ސަރަހައްދުތައް ބަންދުކުރުން
މީގެ އިތުރުން، ހުކުރު ނަމާދަށް ޚާއްސަކޮށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:-
- ހުކުރު ނަމާދުގެ 20 މިނިޓު ކުރިން މިސްކިތް ހުޅުވުމާއި، ނަމާދު ނިމުމަށްފަހު 20 މިނިޓުވުމުން ބަންދުކުރުން
- ހުކުރު ޚުތުބާ 15 މިނިޓަށްވުރެ ދިގު ނުކުރުން
މީގެ އިތުރުން، މިސްކިތުގައި ތަޢުލީމު އުނގަންނައިދިނުމުގެ ކުލާސްތައް ނެގުމާއި، ޤުރުއާން ހިތު ދަސްކުރުމަށް ތިބުމާއި، ދަރުސްތައް ދިނުންފަދަ ކަންތައްތައް، ވަކި އެއްޗެއް އަންގަންދެން ކުރިއަށް ނުގެންދިއުމަށް ވެސް އެ ސާކިއުލަރގައި ބާރު އަޅާފައިވެއެވެ. ހަމަ މިއާއެކު މިސްކިތަށް ދާ ފަރާތްތަކުން ޢަމަލުކުރަންވީ ކަންތައްތަކެއް ވެސް ހިމަނާފައިވެއެވެ.
- ފޭސް މާސްކެއް އެޅުން
- އަމިއްލަ މުސައްލައެއް ގެނައުމާއި، ނަމާދު ނިމުނަސް، މިސްކިތުން ނުކުންނަން ދާންވެގެން މެނުވީ މުސައްލައިން ނުފޭބުން
- 15 އަހަރުން ދަށުގެ ކުދިން މިސްކިތަށް ނުގެނައުން
- ގޭގައި ވުޟޫ ކުރުން
- މިސްކިތަށް ވަނުމާއި، ނުކުތުމުގައި ބައިބޯ ނުވާނެގޮތަށް ޢަމަލުކުރުން
ސައޫދީ އަރަބިޔާ އިން މިސްކިތްތައް އަލުން ހުޅުވާލާއިރު، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ޖަމާޢަތް ހެދުން މަނާކޮށްފައި އޮތުން ވެސް، ވަރަށް މަދު ރަށެށްގައި މެނުވީ ވަނީ ދާދި ފަހުން ނިމުމަކަށް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް