ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުން ކުރި ފަހުން މާލެއިން އެކަނި 5،000 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް މާލޭ ސިޓީން ޖުމްލަ 5،812 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. އޭގެ ތެރެއިން 5،068 މީހުންނަކީ ހަމަ އެކަނި މާލެއިން ޖޫރިމަނާ ކުރި މީހުންނެވެ.
ހުޅުމާލެއިން މިހާތަނަށް ޖޫރިމަނާ ކޮށްފައިވަނީ 638 މީހެކެވެ. އަދި ވިލިމާލެއިން 106 މީހެކެވެ.
އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެއިން 145 މީހަކު ޖޫރިމަނާ ކުރި އިރު ހުޅުމާލެއިން އަށް މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ. ވިލިމާލެއިން ދެ މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.
ޖޫރިމަނާ ފައިސާގެ ގޮތުގައި ދައްކަން ޖެހެނީ 1،000 ރުފިޔާ އެވެ. ގަވައިދާ ހިލާފަށް ބޭރަށް ނުކުތުން ތަކުރާރު ކުރާނަމަ އެމީހަކު ހައްޔަރު ކުރެވެ.
އެގޮތުން މިހާތަނަށް މާލޭ ސިޓީން ލޮކްޑައުނާއި ހިލާފުވެގެން 318 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން 281 މީހަކު ހައްޔަރު ކޮށްފައިވަނީ މާލެއިންނެވެ. ހުޅުމާލެއިން 34 މީހަކު ހައްޔަރުކޮށްފައިވާއިރު ވިލިމާލެއިން ހައްޔަރު ކޮށްފައިވަނީ ތިން މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް