އިންކަމް ސަޕޯޓު އެލަވަންސް: ކޮން އުސޫލަކުން ކޮން ބަޔަކަށް ދޭ އެއްޗެއްކަން އޮޅިއްޖެ!

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި ދިވެހި މުވައްޒަފުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އިންކަމް ސަޕޯޓު އެލަވަންސް ދޫކުރާމުންދާ ގޮތާއި މެދު ސުވާލު އުފެދިއްޖެ އެވެ. މިމަހުގެ20 ވަނަ ދުވަހުން...

28 May 2020 | 07:02

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި ދިވެހި މުވައްޒަފުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އިންކަމް ސަޕޯޓު އެލަވަންސް ދޫކުރާމުންދާ ގޮތާއި މެދު ސުވާލު އުފެދިއްޖެ އެވެ.

މިމަހުގެ20 ވަނަ ދުވަހުން ފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް 69 ފަރާތަކަށް އެންސްޕާ މެދުވެރިކޮށް މި އެލަވަންސް ދޫކޮށްފައިވާކަން ހާމަ ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

މިހާތަނަށް މި އެލަވަންސް ހޯދުމަށް2،000 އަށްވުރެ ގިނަ މީހުން އޮންލައިންކޮށް ފޯމް ފުރައި އީމެއިލް މެދުވެރިކޮށް އެދިފައިވެ އެވެ. އަދިވެސް އެ ފުރުސަތު ހުޅުވާލާފައިވާއިރު މި އެލަވަންސް ދޭން ނިންމާފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހު އެވެ.

ވަރަށް އާދައިގެ ޝަރުތުތަކަކާއި އެކު ދޫކުރާ މި އެލަވަންސްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި އިރު، ތިބެން ޖެހިފައިވަނީ ވާނުވާ ނޭނގޭ ހާލެއްގައި އެވެ. އެ އެލަވަންސް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެ ފަރާތްކަށް އިކޮނޮމިކް މިނިސްޓްރީން ވަކިން ގުޅައި ނުވަތަ އީމެއިލް މެދުވެރިކޮށް ދީފައެއް ނުވެ އެވެ.

"ދުވަސް" އާއި މައުލޫމާތު ހިއްސާކުރި ވަޒީފާ ގެއްލިފައިވާ ބައެއް މީހުން ބުނީ އޮންލައިންކޮށް ފޯމް ފުރި އިރު ބޭންކް ސްޓޭޓްމެންޓު ހުށަހަޅަން ނުވަތަ އެކައުންޓުގެ މައުލޫމާތު ހިއްސާ ކުރަން ބުނެފައި ނެތް ކަމަށެވެ. ބޭންކް ސްޓޭޓްމެންޓު ހުށަހަޅަން ޖެހޭނެ ކަމަށް އެންގީ އެލަވަންސް ލިބޭނެ ދުވަހެއްގެ މައުލޫމާތު ހޯދަން ގުޅުމުން ކަމަށާއި ސްޓޭޓްމެންޓު އީމެއިލް ކުރި ފަހުން އެތައް ދުވަހެއް ދުވަހެއް ވީއިރުވެސް އެލިބުނު ކަން ނުވަތަ ނޫންކަންވެސް ޖޮބް ސެންޓަރުން އަދިވެސް ޔަގީންކޮށްދީފައި ނުވާކަމަށެވެ.

އިތުރު މީހަކު ބުނީ މައުލޫމާތު ހޯދަން ޖޮބް ސެންޓަރުގެ ނަމްބަރުތަކަށް ގުޅުމުން އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރު ނެގުމަށް ފަހު އެލަވަންސް ލިބޭކަން ކަށަވަރު ކުރުމަށް ފަހު ގުޅާނެ ކަމަށް ބުނި ނަމަވެސް އެމީހުން ނުގުޅާ ކަމަށެވެ. އެކަމަކު ވަޒިފާއަށް އަސަރު ކޮށްގެން އެކި ކެޓަގަރީތަކުން ހުށަހަޅާފައިވާ މީހުންގެ ތެރެއިން އެލަވަންސް ލިބޭނީ ވަކި ބަޔަކަށް ކަމެއް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ކަމަށް ވާނަމަ ޝަރުތު ހަމަ ނުވާކަން ދުރާލާ އެ އެލަވަންސް ހޯދަން ހުށަހަޅާފައިވާ މީހުންނަށް އަންގަން ޖެހެ އެވެ. އެލަވަންސް ދޫކުރެވުނު މީހުންގެ އަދަދު ހާމަކުރުން ފިޔަވާ މިފަހުން ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެލަވަންސް ހޯދަން ކުރިމަތިލި މީހުންގެ ބޭންކް އެކައުންޓުގެ ތަފްސީލް ނު ހޯދައި ފައިސާ ހަވާލު ކުރާނެ ގޮތެއް ނޭނގޭ ކަމަށް މައުލޫމާތު ހިއްސާ ކުރި މީހުން ބުންޏެވެ. އެންސްޕާއިން އެ ފަރާތްތަކަށް މައުލޫމާތު ދޭގޮތުގައި އެ އިދާރާގެ މަސްއޫލިއްޔަތަކީ އެލަވަންސް ދޫކުރުން އެކަނި ކަމަށާއި އެލަވަންސް ދޭންޖެހޭ މީހުންގެ މައުލޫމާތު ފޮނުވަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

ޖޮބް ސެންޓަރުން އެ މައުލޫމާތު ސާފު ވާނެއް ގޮތެއް ނެތެވެ. ޖޮބް ސެންޓަރަށް ހާއްސަކޮށް ތިން ނަމްބަރެއް އިނދެ އެވެ. އެއީ 1475، 7266603 އަދި7266602 އެވެ. އޭގެން އެއްވެސް ނަމްބަރަކަށް މިހާރު ނުގުޅެ އެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި އެލަވަންސް އާއި ގުޅޭ މައުލޫމާތު ދެވޭނީ ޖޮބް ސެންޓަރުގެ އެ ނަމްބަރުތަކަށް ގުޅައިގެންނެވެ.

މި އެލަވަންސް ލިބޭނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މީހުން، ސަސްޕެންޑު ކުރި މީހުން، ނޯ ޕޭއަށް ފޮނުވާލި މީހުން އަދި މުސާރައިން ބައެއް އުނިކުރި މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނާއި މުސާރައިން ބައެއް އުނި ކުރި މީހުންގެ ތެރެއިން އެލަވަންސް ނިދުމަށް ހަމަޖެހިފައިވަނީ5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ އެލަވަންސްއަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން މިދިޔަ މާޗް މަހާއި އޭޕްރިލް މަހު އާމްދަނީއަށް އަސަރުކޮށްފައިވާ މީހުން މިމަހުގެ30 ގެ ކުރިން ރަޖިސްޓްރީ ކުރަން ވާނެ ކަމަށް އަންގާފައި އެވެ. އަދި މިމަހު އާމްދަނީއަށް ނުރަނގަޅު އަސަރު ކުރަން ފެށި މީހުން އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ރަޖިސްޓްރީ ކުރަން ވާނެ ކަމަށާއި ޖޫން މަހު އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކުން ޖުލައި ހަތް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ވާނެ ކަމަށެވެ.

ވަޒީފާ ގެއްލުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ އަދިވެސް ވީހާވެސް ގިނަ މީހުން ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އިލްތިމާސް ކުރަމުންނެވެ. އެކަމަކު އެލަަންސް ހޯދަން އެދުނު ގިނަ މީހުން ވާނުވާގައި ތިބި އިރު އިތުރު ބަޔަކު މިކަމަށް އެދިގެން ވަކި ލިބޭނެ ފައިދާއެއް އެބައޮތް ހެއްޔެވެ.

މި މައްސަލަ ހައްލުކޮށް އެލަވަންސް ލިބޭނެ ކަން އެކަމަށް އެދުނު މީހުންނަށް ޔަގީން ކޮށްދިނުމަކީ މިވަގުތުން ވަގުތަށް އިކޮނޮމިކް މިނިސްޓްރީން ކުރަން ޖެހިފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް