ކައުންސިލަރުންގެ ދައުރާއިމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފާސްކޮށްފި

ކޯވިޑް-19ގެ މި ހާލަތުގައި ކައުންސިލަރުންގެ ދައުރާއިމެދު ގޮތެއް ނިންމުމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މ...

27 May 2020 | 23:57

ކޯވިޑް-19ގެ މި ހާލަތުގައި ކައުންސިލަރުންގެ ދައުރާއިމެދު ގޮތެއް ނިންމުމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އެފަދަ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދުމަށް ފާސްކޮށްފައިވަނީ މިރޭ ބޭއްވި ޖަލްސާގައެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ޚަލީމް ހުށަހެޅުއްވި ބިލަށް، ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުގެ އިސްލާހު ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. މި ހުށަހެޅުން ފާސްވެގެން ގޮސްފައިވަނީ 61 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

މި ހުށަހެޅުން ފާސްވެފައިވާއިރު އިއްޔެވެސް މި ޖަލްސާ ބާއްވާފައިވަނީ މި ބިލާއިމެދު ގޮތެއް ނިންމުމަށެވެ. އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދެގޮތަކަށް ވާހަކަ ދެކެވެމުންގޮސް އިއްޔެގެ ޖަލްސާ ނިންމާލާފައިވަނީ ކޮޅެއްގައި ނުޖެހިއެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބޮޑު އަގުލަބިއްޔަތަކުން ފަހުން ނިންމިއެވެ.

ނަމަވެސް މިރޭ އަނެއްކާ އެހެން ގޮތަކަށް ނިންމާފައިމިވަނީ ގާނޫނަށް އިސްލާހު ގެނެސްފިނަމަ ގާނޫނުގައިވާ އެހެން މާއްދާއަކާ ފުށޫއަރާނެ ކަމުގައި ބެލެވޭތީއެވެ.

ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު މި އޮތް ހާލަތުގައި މާދަމާ ނޫނީ އަނެއް ދުވަހު ސުޕްރީމް ކޯޓުގެ ލަފައެއް ލިބުން ގާތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް