މާލޭގެ ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި އެކު ކުރިޔަށް އޮތް ދެ ހަފްތާގައި ބޭންކުތަކުން ހިދުމަތް ދޭނެ ދުވަސްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ އަންނަ ހަފްތާއިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބޭންކުތަކަށް ތިން ދުވަހު ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އޭގެ ފަހުން ހަފްތާގެ ފަސް ދުވަހު ހިދުމަތް ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ނިންމުމާއި ގުޅިގެން މިރޭ އެމްއެމްއޭއިން ބުނީ އެކެއް ޖޫން އިން 13 ޖޫންގެ ނިޔަލަށް ބޭންކުތަކުން ހިދުމަތް ދޭން ނިންމާފައިވަނީ ކަނޑައެޅިފައިވާ ތިން ދުވަހެއްގައި ކަމަށެވެ. އެގޮތުން އެ ދެ ހަފްތާގެ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކުތަކުން ޒަރޫރީ ހިދުމަތްތައް ލިބޭނެ ކަމަށެވެ.
ކުރިން ނިންމާފައިވާ ގޮތަށް މާދަމާ އަކީ މި ހަފްތާގައި ބޭންކުތައް ހުޅުވާފައި ހުންނާނެ ދުވަހެކެވެ.
ޒަރޫރީ ހިދުމަތްތަކުގެ ގޮތުގައި ދޭން ނިންމާފައިވަނީ ޓީޓީ ހެދުން، ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ހަދާ އޭ.ސީ.އެޗް./އާރް.ޓީ.ޖީ.އެސް. ޕޭމަންޓުތައް ހެދުން، ލެޓާ އޮފް ކްރެޑިޓްގެ ހިދުމަތް އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތްތެވެ. މި ހިދުމަތްތައް ބޭންކުތަކުން ދޭނީ ހެނދުނު9:30 އިން މެންދުރު ފަހު2:00 އަށެވެ.
އެކަމަކު މި ދުވަސްތަކުގައި އެމްއެމްއޭއިން އާންމުންނަށް ހިދުމަތެއް ނުދޭނެ އެވެ.
ބޭންކުތަކުގެ ހިދުމަތް ހޯދާއިރު އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ. އަދި ބޭންކުތަކަށް ނުގޮސް ވިހާވެސް ބޮޑަށް އޮންލައިންކޮށް ހިދުމަތް ހޯދުމަށް އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް