ޖޫން 29ގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މި ހާލަތު ރާއްޖޭގައި އިއުލާނު ކުރީ މިދިޔަ މާޗް މަހުގ...

27 May 2020 | 21:01

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މި ހާލަތު ރާއްޖޭގައި އިއުލާނު ކުރީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރި ހަތަރުވަނަ ފަހަރެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ސޮއި ކުރައްވާ މިރޭ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ މި މުއްދަތު ދަންމާލަން ނިންމީ އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން ކަމަށެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ކޯވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެއަށް އަދިވެސް އެބަ އޮތެވެ.

"ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ގާނޫނު ނަމްބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ،" މިނިސްޓަރު އަމީންގެ ގަރާރުގައި ވިދާޅުވި އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ކޯވިޑް-19 ގެ ކޭސްއެއް ފެނުނުތާ ފަސް ވަރަކަށް ދުވަސް ފަހުންނެވެ. ރާއްޖެއިން ކޯވިޑް-19 ގެ ކޭސްއެއް ފުރަތަމަ ފެނިފައިވަނީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ.

މާލެއިން ބަލި ފެނި އާންމުންގެ މެދުގައި ބަލިފެތުރެމުންދާކަން ހާމަ ކުރީ އޭޕްރިލް15 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް