މާންދޫ ކްލަސްޓާ: ދަނބިދު އަށް ވެސް އަރައިފޭބުން މަނާކޮށްފި

ލ. ދަނބިދޫން ނެގި 2 ސާމްޕަލެއް ކޯވިޑް-19އަށް ފައްސިވުމާ ގުޅިގެން އެ ރަށަށް އަރައިފޭބުން މަނާކޮށްފިއެވެ. ފައްސިވެފައި ވަނީ ލ. މާންދުއިން ދަނބިދުއަށް ދަތުރު ކުރި ދެ ފިރިހެނުންނެވެ. އެ މީހުން ފައްސިވެފައ...

28 Apr 2021 | 06:01

ލ. ދަނބިދޫން ނެގި 2 ސާމްޕަލެއް ކޯވިޑް-19އަށް ފައްސިވުމާ ގުޅިގެން އެ ރަށަށް އަރައިފޭބުން މަނާކޮށްފިއެވެ.

ފައްސިވެފައި ވަނީ ލ. މާންދުއިން ދަނބިދުއަށް ދަތުރު ކުރި ދެ ފިރިހެނުންނެވެ.

އެ މީހުން ފައްސިވެފައިވާކަން އެނގުނީ، ދަނބިދުއަށް ދަތުރު ކުރި ފަހުންނެވެ. އެ މީހުން ވަނީ ދަނބިދޫ ބަޔަކާ ކޮންޓެކްޓް ވެފައެވެ.

ދަނބިދޫ ސިއްހީ މަރުކްޒުން ބުނީ ފައްސި ވެފައިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓު ވެފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް ޞިއްޙީ މަރުކަޒް ނުވަތަ ދަނބިދޫ ކައުންސިލަށް އެންގުމަށެވެ. އަދި 23 އޭޕްރީލް ވަނަ ދުވަހު ހުކުރަށް ދިޔަ ފަރާތްތަކުގެ ތެރެއިން ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ހުރި މީހުންވެސް އެ ރަށު ސިއްހީ މަރުކަޒަށް އެންގުމަށެވެ.

އެ ރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށްދެއެެވެ.

މާންދޫ ކްލަސްޓާ މިހާރު ވަނީ އެ އަތޮޅުގެ އިތުރު ތިން ރަށަކަށް ފުޅާވެފައެވެ. އެއީ ފޮނަދުއާއި ގަމުގެ އިތުރުން ދަނބިދުއެވެ. ހަތަރު ރަށްރަށުގެ ވަކި ވަކި އަދަދުތަކަށް ބަލާލާއިރު މާންދޫން އެކަނި 129 މީހަކު ފައްސި ވެފައިވެއެވެ. ގަމުން 15 މީހަކު ފައްސި ވެފައިވެއެވެ. ފޮނަދޫ އަދި ދަނބިދޫން ދެމީހަކު ފައްސި ވެފައިވެއެވެ.

މި ކްލަސްޓާ ފެށިގެން އައީ ގާސިމް އިބްރާހިމްގެ މަސް ފެކްޓަރީ ހިންގަމުން އަންނަ ލ. މާންދޫއިންނެވެ. ލ. މާންދޫއަކީ ގަމާއި ކައްދުއާއި އެއް ފަސްގަނޑެއްގައި އޮންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް