ކޮވިޑް-19 އަށް ފަހު އިޤްތިޞާދު އާރާސްތުކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވުމަށް ވާލްޑް ބޭންކުން ތައްޔާރު ކަމަށް އެ ބޭންކުން ބުނެފިއެވެ.
ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް ދިވެހިރާއްޖެ އަށް ދަތުރެއް ކުރެއްވި އެވެ. މިއީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ޞިއްޙީ އަދި އިޤްތިޞާދީ ކާރިޘާ އިން އަރައިގަނެ، ކުރިއަށް ވުރެ ރަނގަޅަށް އިޤްތިޞާދު ބިނާކުރުމުގައި އެހީތެރިވުމާ ގުޅޭ ގޮތުން ރާއްޖެއާއެކު ވާލްޑް ބޭންކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ކުރެއްވި ދަތުރުފުޅެކެވެ.
"އެކަށޭނަ ފިޔަވަޅުތަކާއި އެ ކަންކަމަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ ވަރަށް ބާރަށް ކުރިއަރަން ފަށާފައި. އެއާއެކު، ރާއްޖޭގެ އިޤްތިޞާދު ވެސް މިހާރު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.
"އިޤްތިޞާދީ ކުރިއެރުން ލަފާކުރެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މާލީ ޙާލަތާއި ދަރަނި ބެލެހެއްޓުން މެނޭޖުކޮށްގެން، ކުރިއަށް ވުރެ ތިމާވެއްޓާ ރަށްޓެހި، ކުރިމަތިވެދާނެ ކާރިޡާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާ އަދި އެންމެހާ ދިވެހިންނަށް އޭގެ ފައިދާ ކުރާ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީ ރާއްޖެ އަށް ހާޞިލްކުރެވިދާނެ."
މި ދަތުރުފުޅު ކުރައްވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން ރިޕޯޓް ނެރުމަށް ފަހު އެވެ.
ދިވެހިރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތާއި އަދި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލެވިފައިވާ މި ރިޕޯޓްގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.
އެގޮތުން، އޭގެ ކުރީ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު ވަނީ ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެހެން ނަމަވެސް، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ބާރަށް ކުރިއަރަމުން ދިއުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވެމުން އަންނަ އިންވެސްޓްމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ރާއްޖޭގެ އިޤްތިޞާދު 17.1 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވާލްޑް ބޭންކުން ލަފާކުރެ އެވެ.
ހަމަ އެއާއެކު، ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީގެ ދަތުރުގައި އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކުގެ މައްޗަށް ވެސް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރެއްވި ދަތުރުފުޅުގައި، ވާލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރ ވަނީ ވާލްޑް ބޭންކުގެ އެހީގައި ހިންގޭ މުހިންމު މަޝްރޫޢުތައް ވިލަރެސްކުރައްވާ މިނިސްޓަރުންނާ ބައްދަލުކުރައްވާފަ އެވެ.
އޭގެ ތެރޭގައި، މިނިސްޓަރ އޮފް ފައިނޭންސް އަލްފާޟިލް އިބްރާހީމް އަމީރް؛ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާއީލް؛ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް؛ އަދި މިނިސްޓަރ އޮފް އެންވާރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ހިމެނިވަޑައިގަންނަވަ އެވެ. ހަމަ އެއާއެކު، މަރުކަޒީ ބޭންކުގެ ގަވަރުނަރ އަލްފާޟިލް އަލީ ހާޝިމް އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސް ފަރާތްތަކާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.
މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅޭ ގޮތުންނެވެ.
ހަމަ އެއާއިއެކު، މި ކާރިޘާ އިން އަރައިގަނެ، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްޤީއަކަށް މަގުފަހިވާނެ ގޮތަށް ކުރިއަށް ވުރެ ރަނގަޅަށް އިޤްތިޞާދު އާރާސްތުކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވުމުގައި ވާލްޑް ބޭންކުން ތައްޔާރަށް އޮތްކަން ވެސް ކަންޓްރީ ޑިރެކްޓަރ ވަނީ ހިއްޞާކުރައްވާފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވާލްޑް ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހު ދިވެހިރާއްޖެ އަށް ފޯރުކޮށްދީފަ އެވެ.
މި މަޝްރޫއުގެ އިތުރުން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއް ވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ.
ހަމަ އެއާއިއެކު، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ދިވެހިރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށްޓަކައި ދިވެހިރާއްޖެ އަށް އެހީތެރިވުމަށްޓަކައި ހިންގޭ 12.8 މިލިއަން ޑޮލަރުގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް މިދިޔަ ޖޫން މަހު ފަށައި، މިދިޔަ ޖެނުއަރީ މަހު ވަނީ އިތުރު 21.6 މިލިއަން ޑޮލަރާއެކު އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްފަ އެވެ.
ޖުމްލަ 182 މިލިއަން ޑޮލަރުގެ އަގުހުރި 10 މަޝްރޫއެއް ވާލްޑް ބޭންކުން މިވަގުތު ރާއްޖޭގައި ހިންގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް