ލިޔުނީ: އާއިޝަތު ލިޔުސާ
އާދައިގެމަތިން މިއަދުވެސް އަހަރެން ގުމްރީގެއަށް ދިޔައީ އަހަރެންނާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށެެވެ. އެގޭ ވިޔާމުގެ ހަ އަހަރުން ދަށުގެ ހަތަރު ކުދިންގެ ހުރިހާ ކަމެއް އަހަރެން ކުރަނީ ހިތުން ރުހުމުގައެވެ. އެއީ އަހަރެން ވަކި އުޖޫރައަކަށް ކުރާ ކަމެއް ނޫނެވެ. އަހަރެންގެ ވެރި ރައްބަށް ކުރެވޭ އަޅުކަންތަކުގެ އިތުރުން އަހަރެންގެ ދިރިއުޅުމުގައި އެންމެ ސަމާލުކަމެއް ދީގެން ކުރާ ކަމަކީ ތުއްތުއިރު މައެއްގެ ލޯބިން މަހުރޫމު ވެފައިވާ އެ ހަތަރު ކުދިންގެ ކަންތައްތައް ބެލެހެއްޓުމެވެ. މައެއް ފަދައިން އެކުދިންނަށް ލޯތްބާ އޯގާތެރިކަން ދިނުމެވެ.
އުމުރުން ތިރީސް އަހަރަށް ވުރެ މައްޗަށް ގޮސްފައިވީއިރު އަދި އަހަރެން މީހަކާ ނީންނަމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެންގެ ހިތް ދެވުނު ޒުވާނާ ހަޔާތުގެ ބައިވެރިޔަކަށް އިޚްތިޔާރުކުރީ އެހެން އަންހެނެކެވެ. ހުޅަނގުގެ ގޮތްގަނޑަށް ލޯބިކުރާ ބުރުސޫރަ ރީތި އަންހެނެކެވެ. އެދުވަހު އަހަރެންނަށް ހިތް ކަތިލެވުނު ފަދަ އިހުސާސެއް ކުރެވުނެވެ. އަހަރެންގެ ހިތު ތެރޭގައި ވިޔާމަށް އޮތް ލޯބި ކަފުންކޮށް ފޮރުވީމެވެ. ކޮންމެސް ދުވަހަކުން އެލޯބި އަހަރެންނަށް ލިބިދާނެކަމަށް ހިތުގައި އުންމީދެއް ވިއެވެ.
"މަރީނާއްތައަށް ފެންނަނީ އާޔާ މިގޭގަ މަޑުކުރަން. ކީއްކުރަން އެކަނިމާއެކަނި އެގޭތެރޭގައި އޮންނަނީ" ހުރިހާ ކުދިން ނިންދަވާފައި ގެއަށް ދާން ނިކުންނަނިކޮށް ވިޔާމްގެ މަންމަ މަރީނާއްތަ އަހަރެންނަށް ގޮވާލާފައި ބުނެލިއެވެ.
"އޭރުން ވިޔާމް ހިތްހަމަނުޖެހޭނެ" އަހަރެން ބުނީމެވެ.
"ކީއްވެ ވިޔާމް ހިތްހަމަނުޖެހޭންވީ. މިހާރުވެސް އެކޮއެ އޭނައަށް ކިހާ ބުރަ މަސައްކަތެއް ތިކޮށްދެނީ. އެސޮރަށްވެސް އިނގޭނެއްނު މިއަދު އުމުރުން ދުވަސްވެފައި އިން މަންމައަށް ހަލަނިކޮށް އުޅޭ ހަތަރުކުދިންގެ ކަންތައްތަކެއް ނުބެލެހެއްޓޭނެކަން" މަރީނާއްތަ ވާހަކަދެއްކިއެވެ.
ޖެހިގެން އައި ދުވަހު މާރީނާއްތަ އެދުނު ފަދައިން އަހަރެން ކަންތައް ކުރީމެވެ. އަމިއްލަ ގެ ކުއްޔަށް ދޫކޮށްލާފައި މުޅި ދިރިއުޅުން އެއްކޮށް އެގެއަށް ބަދަލުކުރީމެވެ. އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލާފައި އަހަރެންެގެ ހުރިހާ ވަގުތުތަކެއް އެކުދިންނަށް ހުސްކޮށްގެން ދިރިއުޅުމައިގެން ކުރިއަށް ދިޔައީމެވެ. އަހަރެންގެ ތަރުބިއްޔަތުގެ ދަށުން އެކުދިން އިސްލާމްދީނަށް ހޭނޭތޯ އަހަރެން ދިޔައީ ހިންމަތާ މިންނަތުން އެތައް މަސައްކަތެއް ކުރަމުންނެވެ.
އެންމެ ހަގު ލޫތު ނިންދަވާފައި އަހަރެން ކޮޓަރިން ނިކުތްއިރު މަރީނާއްތަ އާއި ވިޔާމް މޭޒު ކައިރީގައި އޮލަ ވާހަކައެއްގައި ތިއްބެވެ. ދެމައިންގެ ކައިރިން އަޅާފައި އަހަރެން ބަދިގެއަށް ވަންއިރުވެސް އެމީހުންނަށް އިނގުނުހެނެއް ހިއެއް ނުވެއެވެ. ބަދިގެ ތެރޭގައި ފެން ހޫނުކުރަން ހުރިއިރު އަހަރެންނަށް އެދެމީހުން ދެމެދު ދެކެވޭ ވާހަކަތައް އިވެއެވެ.
"ވިޔާމް ތިގޮތަށް ކިތަންމެ ދުވަހަކު އިތުރު ކައިވެންޏެއް ނުކޮށް ހުއްޓަސް މުނާ ނާންނާނެ. އުޅުމެއް ހުރި އަންހެނެއް ނަމަ ތިމާގެ ލެއިން ކާންދީގެން މިދުނިޔެއަށް އުފަންކުރި ހަތަރުދަރިިން ބިކަވާން ދޫކޮށްލާފައި ނުދިޔައީސް. މިއީ އެކުދިންނަށް މައެއްގެ ލޯބި އެންމެ ބޭނުންވާނެ ދުވަސްތައް. އާޔާ ކަހަލަ އަންހެނެއް މިއަދު އެކުދިންނަށް މައެއްގެ ލޯބިދީގެން އެގެންގުޅޭ ގޮތަށް އެހެން މީހަކު ގެންގުޅެފާނެތަ؟" މަރީނާއްތަ ވާހަކަދައްކަމުން ދިޔައެވެ.
"މަންމާ، އަހަރެންނަށްވެސް އިނގޭ އާޔާ އެއީ ރަނގަޅު ހެޔޮ މީހެއްކަން. އޭނަ އެކޮށްދެނީ ވަރަށް ބުރަ ކަމެއްކަން. އެކަމަށްޓަކައި އަހަރެން އާޔާއަށް ޝުކުރުވެރިވަން" ވިޔާމް ބުނެލިއެވެ.
"މަންމަގެ ބަސް ދެންވެސް ގަބޫލުކޮށްބަލަ. މުނާ މަތިން ހަނދާންނައްތާލާ. މިއަދު ދަރިފުޅު ވިސްނަންޖެހޭނީ އެ ކުދިންނާމެދު. އެކުދިންގެ މުސްތަގުބަލާމެދު. މުނާ އާ ދަރިފުޅު ކައިވެނިކުރަން އުޅުނުއިރުވެސް މިގޮތަށް މަންމަ ވާހަކަދެއްކިން. މަންމަ އާ ދެކޮޅަށް ދަރިފުޅު އެޅި ފިޔަވަޅުގެ ނަތީޖާ ނިކުތީ ކިހިނެއް؟ އެކަމަކު އަދިވެސް ވަގުތު ފާއިތެއްނުވޭ. އާޔާގެ ހިތުގައި ދަރިފުޅަށްޓަކައި އިހުސާސެއް ނުވާނަމަ އެގޮތަށް ނޫޅުނީސް. އެއީ އަހްލާގު ރަނގަޅު ކުއްޖެއް. މަޑުމައިތިރި ދީންވެރި ކުއްޖެއް. ހުރިހާ ގޮތަކުން ބެލިޔަސް އެކުދިން މައެއްގެ ގޮތުގައި އާޔާ ބަލައިގަނެފި" މަރީނާއްތަ ވާހަކަތައް އަހާފައި އަހަރެންގެ ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. އެވާހަކަތަކުގެ ނިވަލުގައި ފޮރުވިފައިވާ ހިތްދަތިކަން ކިތަންމެހާވެސް ރަނގަޅަށް އިހުސާސް ކުރެވިއްޖެއެވެ. އަހަރެންނަށް މޭގައި އަތް އަޅައިލެވިއްޖެއެވެ. އެވާހަކަތަކަށް ވިޔާމް ދޭނެ ޖަވާބެއް ނޭނގޭތީ ހިތް ބިރުގަތެވެ. އަހަރެންނާ ވިޔާމާ މެދުގައި އޮތް ގުޅުމަށް އެންމެ ފުރަތަމަ ދުވަހުވެސް ވިޔާމް ދިނީ އެކުވެރިިކަމުގެ ނަމެވެ. އެ ނަމަށް ބަދަލެއް ގެންނަން ދުވަހަކުވެސް ވިޔާމް ނުވިސްނާނެއެވެ.
"މުނާ އަދި އަންނާނެ. އަހަރެންގެ ދިރިއުޅުމުންވެސް އަދި ހިތުންވެސް މުނާ ނޫން މީހަކަށް ޖާގައެއް ނުދެވޭނެ. ދަރިންނަށްޓަކައިވެސް ތިފަދަ ބޮޑު ގުރުބާނީއެއް އަހަރެންނަށް ނުވެވޭނެ" ވިޔާމް ބުނެލިއެވެ. އެހިނދު އަހަރެންނަށް ހީވީ މީހަކު އަހަރެންގެ ހިތުގައި ހިފާ އަނބުރައިލި ހެންނެވެ. ވިޔާމްގެ ހިތުގައި އަދިވެސް ވަނީ މުނާގެ ނަމެވެ. އަހަރެންޖެހޭނީ އެ ހަގީގަތް ގަބޫލުކުރާށެވެ. ލޯތްބަކީ ހާސިލް ކުރުމެއް ނޫނެވެ. ގުރުބާނީއަށްވެސް ލޯބި ކިއިދާނެއެވެ. އެންމެފަހު ނޭވާ އާ ހަމައަށް ވިޔާމްގެ ދަރިން ބެލުމުގައި ދުވަސްތައް ގުނާނަމެވެ. އެއީ އަހަރެންނަށް ލިބޭ ހިތްހަމަޖެހުމެވެ. އުފަލެކެވެ. މިހާރު އެކުދިން އަހަރެންގެ ދިރިއުޅުމުގެ އެއްބަޔަށް ވެއްޖެއެވެ.
"އާޔާވެސް މީހަކާ އިންނަން ބޭނުންވާނެއްނު. އާޔާ މީހަކާ އިންނަން ބޭނުންވީމަ ނުބުނެ ނުހުންނައްޗެ އިނގޭ. އަހަރެންގެ ދަރިން ބަލާކަށް އާޔާއަށް މަޖުބޫރެއްނޫން" އެއްދުވަހު އަހަރެން ވިޔާމްގެ ބޮޑުދަރިފުޅު ޓިއުޝަނަށް ގެންގޮސްފައި ގެއަށް އައިސް ވަންތަނާ ވިޔާމް ބުނެލިއެވެ.
"އަހަރެން މީހަކާ އިންނަންވީމަ އިންނާނަން. އެކަމާ ވިޔާމް ނުވިސްނާ" ހަމައެކަނި އެވަރަށް ބުނެލާފައި އަހަރެން ކޮޓަރިއަށް ވަނީމެވެ. ހަގީގަތުގައި ވިޔާމް އެހެން ބުނުމުން އަހަރެން ދެރަވީއެވެ.
ފަތިސް ނަމާދަށްފަހު ކުޑައިރުކޮޅަކު ކިޔަވާލަން އިނދެފައި ނިދިޖެހެން ފެށުމުން ހަތިމް ލައްޕާލާފައި އަހަރެން އައިސް އެނދަށް އެރީމެވެ. ގާތުގައި ނިދާފައި އޮތް ކުޑަ ފިރިހެން ދަރިއަށް ބަލައިލުމާއެކު އަހަރެންނަށް ހިނިތުންވެވިއްޖެއެވެ. ވިޔާމްގެ ހަތަރު ދަރިންގެ ތެެރެއިން ހުރިހާ ގޮތަކުން ބެލިޔަސް ވިޔާމާ އެންމެ ވައްތަރު އަދި އެންމެ އެއްގޮތް ކަމެއް ހުންނަ ދަރިއަކީ ތިންވަނަ ދަރިފުޅު ޔޫސުފެވެ. ޔުސުފްގެ މޫނަށް ގިނައިރު އަހަރެންނަށް ބެލެނީ ސަބަބެއް ނެތިއެއް ނޫނެވެ.
ކުޑަދަރިފުޅު ހޭލުމުން އުރާލައިގެން އަހަރެން ނިކުތީ ބުއްފުޅި ތައްޔާރުކޮށްލާށެވެ. ކަސްރަތުކޮށްފައި ގެއަށް އައިސް ވަން ވިޔާމްގެ ކުރިމައްޗަށް އަހަރެންނަށް އެރުނެވެ. ވިޔާމް ފެނުމާއެކު ކުޑަދަރިފުޅު އެދިމާލަށް އަތް އެއްލައިފިއެވެ. އަހަރެން ބަދިގެއަށް ވަނީ ވިޔާމް އެކުއްޖާ އުރާލުމުންނެވެ. ކޮރެއް ޖަހަމުން އައިސް ބަދިގެއަށް ވަން މަރީނާއްތަ ފެނުމާއެކު އަހަރެންނަށް ބަލައިލެވުނެވެ.
"ކަނބުލޯ، މަރީނާއްތައަށް ވަރުގަދަ ބޮނޑިއެއް ލިބިއްޖެ" މޭޒު ކައިރިން ގޮނޑިއެއް ދުރުކޮށްލަމުން މަރީނާއްތަ ބުނެލިއެވެ. ފެން ހޫނުކުރަން ޖައްސާފައި އަހަރެން މަރީނާއްތަގެ އަތުގައި ހިފައި ގޮނޑީގައި އިށިންނަން އެހީވެދިނީމެވެ. އޭރު ވިޔާމް އައިސް ހުއްޓިއްޖެއެވެ.
"މަންމަ ފަޔަށް ހާދަ ވަރެއްވެފަ. ވެއްޓުނީތަ؟" ވިޔާމް އެހިއެވެ. އޭނާގެ އަޑުގައި ކަންބޮޑުވުމެއް ވިއެވެ.
"ފާހާނާ ތެރެއަށް ވެއްޓުނީ" މަރީނާއްތަ ބުނެލިއެވެ.
"އެކަމަކު ހާދަ ބޮޑަކަށް ދުޅަވެފަ. ވިޔާމް، މަށަށް ފެންނަނީ މަރީނާއްތަ މަރުކަޒަށް ގެންދަން. މިދުވަސްވަރަކީ މިރަށުގަ ޑޮކްޓަރުވެސް ހުރި ދުވަސްވަރެއް" ވިޔާމް އަތުގައި އިން ކުޑަދަރިފުޅު އަހަރެން އަތަށް ދީފައި މަރީނާއްތަގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
މަރީނާއްތަގެ ފައިގައި ބޭސްގަނޑެއް އަޅައިގެން ދެ ހަފްތާ ވަންދެން ނުތެދުވެ އޮންނަން ޖެހުނެވެ. ގޭތެރޭގައި އަހަރެން ކުރަންޖެހޭ މަސައްކަތްތައް ދެގުނަވިއެވެ. އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ވިޔާމާ އެއްފުރާޅެއްގެ ދަށުގައި އޭނާ އާ ގުޅުންހުރި ބަޔަކަށް ހިދުުމަތްކޮށްދޭން ޖެހުމަކީ އަހަރެންނަށް ލިބޭ ފަހުރެކެވެ. ހިތްވަރެކެވެ. އަހަރެންނަށް ވަރުބަލިކަމެއް އިހުސާސެއް ނުވެއެވެ. އަހަރެންގެ ނޭފަތުން ބޭރުވާ ކޮންމެ ނޭވާއަކާ އެކުގައި ވިޔާމްގެ ނަން ކިޔާލައެވެ. ހިތުގައިޖަހާ ކޮންމެ ވިންދަކާއެކު އަހަރެންނަށް އެ ލޯތްބަށް އެދެވެއެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވެގެން ދަނީ ވިޔާމަށްޓަކައި އަހަރެންގެ ހިތުގައި އޮތް ލޯބީގައި މޫލައި ވަރުގަދަ ވަމުންނެވެ.
"ސުހާއްކޮ ބޭނުމީ އަބަދުވެސް އާޔާދައްތަ ކައިރީގަ ހުންނަން. ސުހާއްކޮ މަންމަ ބޭނުމެއްނޫން" ސައި ބޯންއިން ހަ އަހަރުގެ ސުހާ ދުލުން ބޭރުކޮށްލި ޖުމްލައާއެކު އަހަރެންގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އެވަރަށް އެކުއްޖާ ވިސްނާލާނީ އެ ޅަ ހިތުގައި ހާދަ ޝަކުވާއެއް އޮވެގެނެވެ. ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައި އަހަރެން ސުހާ އާ ދާދި ގާތުގައި އިށީނީމެވެ. ލޯތްބާއެކު ސުހާގެ ނިތްމައްޗަށް ފައިބާފައިވާ އިސްތަށިކޮޅު ރީތިކޮށް އެއްފާރަތަކަށް ގެންގޮސްފައި ދަތި ހަރުކޮށްލީމެވެ. ބޯކިރު ކޮޅެއްފަދަ ހުދު ކުލައިގެ ބޮޑުބޮޑު ދެލޮލުން އަހަރެންގެ މޫނަށް ސުހާގެ ބަލަން އިނެވެ. އެމޫނުމަތީގައި ވަނީ މައުސޫމު ކަމެވެ. އެދެލޮލުން އަހަރެންނަށް ފެނުނީ ނިމުމެއްނެތް ޝަކުވާއެވެ. ސުހާގެ މޫނުގައި ލޯބިން ފިރުމާލާފައި ކޮލުގައި އަހަރެން ބޮސްދިނީމެވެ.
"އެގޮތަކަށް ނުބުނާނެ ދަރިފުޅާ. ބައެއްފަހަރު މަންމައިންވެސް ބަސްނާހާ ބޮޑާހާކާނެ. އެގޮތަށް ސުހާއްކޮގެ މަންމަވެސް ބޮޑާހާކައިގެން ގެއަށް ނާންނަން އެހުންނަނީ. އަދި އެއްދުވަހަކުން ތިހުރިހާ ކުދިން ކައިރިއަށް މަންމަ އަންނާނެ. ކޮންމެ ކުއްޖެއްދެކެވެސް އެންމެ ލޯބިވާނީ މަންމަ. މަންމައަށްވެސް އަދި ބައްޕައަށްވެސް އިހުތިރާމު އަދާކުރަންޖެހޭނެ. ސުހާއްކޮވެސް އާޔާދައްތައާއެކު ނަމާދުކުރަމެއްނު. ނަމާދުކޮށްފަ ދުއާ ކުރާނީ މަންމަ ބަސްއަހައިގެން އާދޭތޯ އިނގޭ. ގިނަގިނައިން ދުއާ ކުރާ ކުދިންދެކެ ﷲ ތަޢާލާ ލޯބިވެ ވޮޑިގެންވޭ" ސުހާގެ އުމުރާ ގުޅޭނެހެން އަހަރެން ވިސްނައިދިނީމެވެ. އަހަރެންގެ މެއާ ލާ އެކުއްޖާ ބޮނޑުިކޮށްލި ވަގުތު އެތެރެއަށް ނޭފަތް ދަމައިލި އަޑު އިވުނެވެ. އެވަގުތު އެކުއްޖާ ހިތުގައި ޖެހި ރޮވިއްޖެކަން އަހަރެންނަށް އިނގުނެވެ. އަހަރެން ހިތާހިތުން ހެއްދެވިފަރާތަށް ދުއާކޮށްލީމެވެ. އެކުޑަކުޑަ ހިތަށް ހިތްހަމަޖެހުމެއް ގެނެސްދެއްވުން އެދިއެވެ.
އަރައިގެން އައި އިރާއެކު އަހަރެންނަށް ލިބުނު ހަބަރަކުން އުދުއްސައި ނުގަނެވުނީ ކިރިޔާއެވެ. ކޮޓަރިއަށް ވަންގޮތަށް ހެއްދެވިފަރާތަށް ޝުކުރުގެ ސަޖިދައެއް ޖެހުނެވެ. ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނުއިރު ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިފިއެވެ. ވާނީވެސް އެހެންތާއެވެ. އެދުވަހަށް އަހަރެން އެންމެ އިންތިޒާރުކުރި ދުވަސް އައިސް ޖެހިއްޖެއެވެ. ފަތިސް ނަމާދުކޮށްގެން މަރީނާއްތައަށް ބޭސްދޭން އެކޮޓަރިއަށް ދިޔައީ އުފާވެރި ހަބަރަކަށް އުންމީދުކޮށްގެން ހުރެއެއްނޫނެވެ. ވިޔާމް އަހަރެންނާ ކައިވެނިކުރަން ބޭނުންވާކަމަށް މަރީނާއްތަ ހަބަރުދިނެވެ. އެވަގުތު އަހަރެންނަށް ކޮޅަށް ހުންނަންވެސް ދަތިވިއެވެ. ބޭނުންވީ އަހަރެންނަށް ލިބުނު އުފާވެރިކަން މުޅި ދުނިޔެއަށް ހާމަކުރާށެވެ. ހުރިތަނުގައި ހުރެ ނަށައިގަންނާށެވެ. މަގަށް ނިކުމެ ރައްޔިތުން އެއްކޮށްފައި އެހަބަރު ދިނުމަށެވެ.
އެރޭ އަހަރެންނާ ވިޔާމް ބައްދަލުކުރިއެވެ. އޭނާގެ ލޯބިވާ ދަރިންނާއި، މަންމައަށްޓަކައި އަހަރެންނަށް އަންބެއްގެ ދަރަޖަ ދޭން ތައްޔާރޭ ބުނެލިއެވެ. ފަހަރެއްގައިވެސް އޭނާގެ ހިތުން ދަރިންގެ މަންމައަށް ދިން ޖާގަ ނުދެވޭނެކަން އަންގައިދިނެވެ. ދިރިއުޅުމުން ޖާގަ ދިނަސް ހިތުން ޖާގަދޭން އަދި ތައްޔާރެއްނޫނޭ ބުނެލިއެވެ. ކައިވެނީގެ ކަންތައްތައް ވިހާވެސް އަވަހަކަށް ނިންމާނަމޭ ބުނެ ހިނގައްޖެއެވެ. އަހަރެންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދިނެވެ. އަހަރެންނަށް ބުނެވޭނީވެސް ކީކޭ ހެއްޔެވެ؟ އެއްޗެއް ބުނެވޭ ވަރަށް ވުރެ އަހަރެންގެ ހިތަށް ލިބިފައިވާ އުފާވެރިކަން ބޮޑެވެ. ލޯބި ނުލިބުނަސް ހެވެވެ. ވިޔާމްގެ ދިރިއުޅުމުން އަހަރެންނަށް އަންބެއްގެ މަގާމު ދިނުން އެއީ ލައްކަ ބޮޑުވަރެވެ.
ފާއިތުވެގެންދާ ކޮންމެ ދުވަހެއް އަހަރެންނަށް އުފާވެރިކަން އިހުސާސް ކުރުވަމުން ދަނިކޮށް ކަންފަތުގައި ބީހިލާފައި ދިޔަ ހިމޭން ވައިރޯޅިއެއް ފަދައިން އަހަރެންގެ އުފާވެރިކަން ވިއްސި ވިހާލިވެގެން ދިޔައެވެ. އެދުވަހު މެންދުރުފަހު އެއީ އަހަރެން ރަންކިޔަން ހަމަޖެހިފައި އޮތް ދުވަހެވެ. ބޭރުން އައި ވިޔާމް އަތުގައި ހިފައިގެން ހުރި އަންހެންކުއްޖާ ފެނި އަހަރެންގެ އުރުގައި އިން ކުޑަދަރިފުޅު ނުވެއްޓުނީ ކިރިޔާއެވެ. ނުފެންނަ އަތަކުން މީހަކު އަހަރެންގެ ކަންފަތްމަތީގައި ބާރު އެތިފަހަރެއް ޖެހިހެން ހީވިއެވެ. ހިތާހިތުން އަމިއްލަ ނަފްސަށް މަލާމަތް ކޮށްލެވުނެވެ.
"ވިޔާމް، ތިޔޯ. ހަނދާންނެތުނީތަ މިއަދަކީ އާޔާ ވިޔާމާ އިންނަން ރަންކިޔަން އޮތް ދުވަސްކަން" އަސައެއްގެ އެހީގައި ކޮޓަރިން ނިކުތް މަރީނާއްތަ ބުނެލިއެވެ. އަހަރެންގެ ދެލޮލުގެ ކަރުނަވަޅަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތީ އެހިސާބުންނެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އަހަރެން ދެލޯ ފޮހޮލީމެވެ.
"މަންމާ، އަޑުއަހާބަލަ. މުނާ އަހަރެން ކައިރިއަށް އެނބުރި އެއައީ. އޭނަ ދެން އަހަރެންނާ ދަރިން ދޫކޮށްފަ ނުދާނެ. ކޮންމެ މީހަކަށްވެސް ދެވަނަ ފުރުސަތެއް ލިބެންޖެހޭ" ވިޔާމް މަރީނާއްތަގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.
"ދެން އާޔާ އޯ. އެފަކީރަށް ކޮންފަދަ ބޮޑު އަނިޔާއެއް ތިިދިނީ. އެކުއްޖާގެ ހިތް ހަލާކުކޮށްލަން ވެދާނެތަ؟ މިހާރުވެސް ވިޔާމަށްޓަކައި، މަންމައަށްޓަކައި އެކުއްޖާ ނުކުރަނީ ކޮންކަމެއް؟" މަރީނާއްތަގެ އަޑު ކުރެހިގެން ދިޔައެވެ.
"ނޫން މަރީނާއްތާ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިގެން. މިކުދިންނަށް މިކުދިންގެ މަންމަ ލިބުނީމަ އެވަރުން އަހަރެންނަށް ފުދޭ" އަހަރެން ބުނީމެވެ. އަހަރެންނަށް ބަލައިލެވުނީ ކައިރީގައި ތިބި ދަރިންނަށެވެ. އެއިން އެއްވެސް ކުއްޖެއް މުނާ ކައިރިއަށް ދާން ނޫޅުނެވެ. އަހަރެންގެ ހެދުުމުގެ ފަސްބައިން ދޫވެސް ނުކުރިއެވެ. އެވަގުތުކޮޅު އެއީ އަހަރެންގެ ހިތަށް އެންމެ ތަދުވި ވަގުތުކޮޅެވެ.
"އެކުދިން މިހާރު އެތިބީ އާޔާ އާ ވަރަށް ގާތްވެފަ. އެކުދިން ބަލަހައްޓަން އާޔާ މަޑުކުރިޔަސް ހެޔޮ. ދޯ މުނާ" ވިޔާމް ބުނެލިއެވެ. އަހަރެންގެ ހިތް ފޮތިފޮތިވެގެން ދިޔަ ކަހަލައެވެ.
"އާނ އޯކޭވާނެ. އަހަރެމެން އާޔާއަށް ރަނގަޅު މުސާރައެއްވެސް ދޭނަމޭ" މުނާ ބުނެލިއެވެ.
"އަހަރެން އެއްވެސް ފައިސާއެއް ބޭނުމެއްނޫން. އުފަން ދަރިންނަށް ނުވިޔަސް މިއިން ކޮންމެ ކުއްޖަކާ އަހަރެންގެ ހިތާ ގުޅިލާމެހިއްޖެ. މިކުދިން ނުލާ އަހަރެންނަށްވެސް އުޅެން އުނދަގުވާނެ" އަހަރެން ބުނީމެވެ. އަހަރެން ބަލައިލިއިރު މަރީނާއްތަ ރޮވިފައި ބަލަހައްޓައިގެން ހުއްޓެވެ.
އަހަރެން އެނބުރި ކޮޓަރިއަށް ވަނީ ހަތަރު ދަރިން ގޮވައިގެންނެވެ. ލެއްޕެމުން ދިޔަ ދޮރު ދޭތެރެއިން އަހަރެންނަށް ވިޔާމްގެ ހިނިތުންވެފައިވާ މޫނު ފެނުމުން އެތެރެހަށީގެ ކޮންމެ ނާރެއް ވަކިވަކިން ކެނޑި ބުރިވާހެން ހީވިއެވެ. ކުޑަދރިފުޅު އެނދުގައި ބައިންދާފައި އަހަރެންނަށް އެނދުގެ ހެޑްބޯޑުގައި ލެގިލެވުނެވެ. ދިރިއުޅުމަށްޓަކައި އަހަރެން ކުރަމުން އައި ފޮނި އުންމީދުތައް ވިއްސި ވިހާލިވެގެން ދިޔައީއެވެ. އުފާވެރި ދިރއުޅުމަކަށް އަހަރެންގެ ހިތުން ކުލަޖައްސަމުން ދިޔަ ތަސްވީރުގައި ހަގީގީ ކުލަނުޖެހެނީސް މުޅިން ފޭދިގެން ހިނގައްޖެއެވެ. އެހެންވިޔަސް އަހަރެން އުފާކުރާނަމެވެ. އަހަރެންނާ ވިޔާމާ ދެމެދުގައި އޮތް ގުޅުން އެއްކޮށް ނުކެނޑެއެވެ. ވިޔާމްގެ ދިރިއުޅުމުން އަހަރެންނަށް އަންބެއްގެ މަގާމު ނުލިބުނަސް ހެވެވެ. ލޯބިވެރިއެއްގެ މަގާމު ނުލިބުނަސް ހެވެވެ. އެންމެ ގާތް އެކުވެރިޔާގެ މަގާމު ނުލިބުނަސް ހެވެވެ. ޔަގީނުންވެސް އެގޭ ހަތަރުފާރުން އެތެރޭގައި އަހަރެންނަށް މަގާމެއް ކަށަވަރު ވެއްޖެއެވެ. ވިޔާމާ އެއްފުރާޅެއްގެ ދަށުން އަހަރެންނަށް އާޔާއެއްގެ މަގާމު ލިބިއްޖެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް