ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅުގެ ސިޓީއެއް ރައީސް ސޯލިހަށް!

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ރައީސް ސޯލިހަ...

28 Apr 2020 | 11:19

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޔާމީން ބަންދުކޮށްފައި ހުންނެވި މާފުށީ ޖަލުގައި އެސްއޯ ފުލުހުން އޮޕަރޭޝަނެއް ހިންގައި، ގައިދީން ގޮޅިތަކުން ނެރެ އެ މީހުން ބަލާ ފާސްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަނެއް ހިންގާނީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިގެން ކަމަށް އެ ދެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ޔާމީން ޖަލުގައި ހުންނަވަނިކޮށް، މިފަދަ އޮޕަރޭޝަންތައް ހިންގުމުން ކަންބޮޑުވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އެ ސިޓީގައ ރައީސް ސޯލިހުގެ ކިބައިން އެދިވަޑައިގެންފައިވަނީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުުތައް އިތުރަށް ވަރުގަދަކޮށް ދެއްވުމަށެވެ.

އަދި އަނިޔާވެރިކަމަށް ފުރުސަތު ނުދެއްވައި، އިހުލާސްތެރިކަން އިސްކުރައްވައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިފައިވެ އެވެ. މިފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލާ ގިނަ ބަޔާންތަކެއް ނެރެމުންނެވެ.

ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް ގިނަ ދުވަސްވެފައި ވާތީ އެ މަނިކުފާނަށް ގާނޫނީ ގޮތުން ހައްގުވާ ކަފާލާތުގެ ފުރުސަތު ނުލިބިވާކަންވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. އެއީ ޔާމީނާއި އެ މަނިކުފާނުގެ އާއިލާ އަށް ސަރުކާރުން ވަމުންދާ އަނިޔާއެއް ކަމަށް އިދިކޮޅުން ބުންޏެވެ.

ރައީސް ޔާމީން ފަސް އަހަރަށޤ ޖަލަށް ލާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ނެވެ. މި ހުކުމާއި އެކު އެމަނިކުފާނު ވަނީ ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި އެވެ.

އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފް މައްސަލަ އަދި ނުނިމެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް