ކޯވިޑް-19ގެ އަސަރު ނަފްސާނީ ގޮތުން އެންމެ ބޮޑަށް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށް

ކޯވިޑް-19ގެ ނުރައްކާތެރި މިހާލަތުގައި އުމުރުން ދުވަސްވީ މީހުންނަށް ނަފްސާނީ ގޮތުން ނޭދެވޭ މިންވަރަކަށް އަސަރު ކުރަމުންދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ނޫސްވެރިންނަށް މަ...

28 Apr 2020 | 11:04

ކޯވިޑް-19ގެ ނުރައްކާތެރި މިހާލަތުގައި އުމުރުން ދުވަސްވީ މީހުންނަށް ނަފްސާނީ ގޮތުން ނޭދެވޭ މިންވަރަކަށް އަސަރު ކުރަމުންދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ނަފްސާނީ ބަލިތަކާއި ބެހޭ ޑޮކްޓަރު އާރިފް މުހައްމަދު ވިދާޅުވީ ބައްޔާ ގުޅޭ މައުލޫމާތާއި، ކަންކަމުގައި އަމަލު ކުރަންވީ ގޮތްތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ނޭދެވޭ އަސަރު ކުރަމުންދަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.

އެގޮތުން ދިވެހި މުޖުތަމައުގައި އުމުރުން ދުވަސްވީ މީހުންނަށް ވައިރަހާއި ގުޅޭ މައުލޫމާތުތައް ބުނެދިނުމުން އެ ނަގައިގަނެވުމުގައި މައްސަލަތަކެއް ކުރިމަތިވެ، ގޭގައި ގިނަ އިރު އެއްތަނެއްގައި ތިބެން ޖެހުން ވެގެން ގޮސްފައިވަނީ ނަފްސާނީ ގޮތުން އަސަރު ކުރާ ކަމަކަށް ކަމަށެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުމަށް ގެނައި ބަދަލުގެ ތެރޭގައި މިސްކިތަށް ދިއުން މަނާ ކުރުމަކީ އުމުރުން ދުވަސްވީ މީހުންނަށް ބަލައި ގެންނަން އެހާ ފަސޭހަ ކަމަށް ނުވުމުން ހިތުގައި ނުތަވަސްކަން އިތުރުވެގެން ދިޔަކަން ފާހަގަ ވިކަމަށް ޑރ. އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ނަފްސާނީ ކުދި ކުދި މައްސަލަތަށް ކަރަންޓީން ނުވަތަ އައިސޮލޭޓް ކުރާ މީހުންގެ ފަރާތުންވެސް ފާހަގަވި ކަމަށެވެ. އެގޮތުން54 މީހަކަށް އެކަމުގެ އަސަރު ކަންބޮޑުވާ ދަރަޖައަށް ކޮށްފައިވާތީ އައިޖީއެމްއެޗުން އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ.

އޭނާ ވިދާޅުވީ މިފަދަ ފަރާތްތަކަށް އެންމެންގެ އަޅާ ލުމާއި އޯގާތެރިކަން މިފަދަ ދަނޑިވަޅެއްގައި ދޭން ޖެހޭ ކަމަށެވެ. އަދި ގިނައިން މިފަދަ މީހުންނާއި ހިއްސާ ކުރަންވީ މިބަލީގައި ކުރިމަތިލާން ޖެހިދާނެ ނުރައްކާތެރި ހާލަތަކަށްވުރެ ހާލަތުން އަރައިގެންނަން ކުރެވޭނެ ކަންކަމުގެ ވާހަކަ ކަމަށް ޑރ. އާރިފް ވިދާޅުވި އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިވެހި ރެޑް ކްރެސެންޓުގެ ޕްރޮގްރާމް އޮފިސަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ އެ ޖަމިއްޔާއިން ކޯވިޑް-19 އާއި ގުޅިގެން ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދިނުމަށް ގުޅި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވަރަށް ރަނގަޅު ވިސްނުމެއްގައި ތިބި މީހުންކަން ފާހަގަ ކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ކަރަންޓީންކޮށް އައިސޮލޭޓް ކުރި މީހުންގެ ތެރޭގައި ނަފްސާނީ ގޮތުން ބަލީގެ އަސަރު މާ ބޮޑަށް ކޮށްގެން އައިޖީއެމްއެޗަށް ރިފާ ކުރަން ޖެހުނީ މަދު މީހެއް ކަމަށެވެ.

އެކަމަކު ރެޑް ކްރެސެންޓުން ދަނީ އާންމުންނަށް ބޭނުންވާ ސަޕޯޓު އިތުރު ކުރުމަށް ދިވެހިންނާއި ބިދޭސީންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެމުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް