އަތޮޅު ތެރޭގައި ދަނޑުވެރިން ހައްދާ ތަކެތި ގަނެ އެތަކެތި ވިއްކުމަށް ސަރުކާރުން އުފެއްދި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދަނޑުވެރިންނަށް ހުޅުވާލައިފި އެވެ.
މި ކޯޕަރޭޝަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަމިއްލަ ގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި ކުންފުނިތަކަށް ހުޅުވާލާފައިވެ އެވެ. ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދަނޑުވެރިންނަށް ހުޅުވާލާފައިވާއިރު އެ ތަކެތި ގަންނަން ބޭނުންވާ ވިޔަފާރިވެރިންނަށް އެފުރުސަތު ހުޅުވާލާފައިވެ އެވެ.
އެ ކޯޕަރޭޝަނުން ބުނީ ތަކެތި ވިއްކަން ބޭނުންވާ ދަނޑުވެރިން އިންޓަނެޓް މެދުވެރިކޮށް ފޯމެއް ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ.
https://form.jotform.com/201122820658448
އެ ފޯމު ފުރިހަމަ ކުރުމަށް ފަހު އެކަން އެ ރަށެއްގެ ކައުންސިލަށް އެންގުމަށް އެގްރޯނެޓުން އެދެ އެވެ. އޭރުން އެ މައުލޫމާތު ލޯކަލް ގަވާމަންޓް އޮތޯރިޓީގެ"ވުނަ" މޮޑިއުލް މެދުވެރިކޮށް އެ ކުންފުންޏާއި ހިއްސާ ކުރެވިގެންދާނެ އެވެ.
އޭގެ ފަހުގައި އެ ދަނޑުވެރިއަކު ވިއްކަން ބޭނުންވާ ތަކެތި ފޯކަލް ޕޮއިންޓު މެދުވެރިކޮށް ގަންނާނެ ގޮތް ކަނޑައެޅޭނެ އެވެ. އަދި ރަށު ކައުންސތަކާއި މައުލޫމާތު ހިއްސާ ކުރެވިގެން ވިއްކަން ބޭނުންވާތަކެތި ތައްޔާރު ކޮށް މާލެ ފޮނުވަން ޖެހެ އެވެ. އެ ތަކެތި މާލެ ފޮނުވިކަން އެ ކުންފުންޏަށް އަންގާނީ އެ ރަަށެއްގެ ކައުންސިލުންނެވެ.
ދަނޑުވެރިޔާ ވިއްކާ ތަކެއްޗަށް ފައިސާ ޖަމާ ކުރާނީ އެކައުންޓަށެވެ. މި ފައިސާ ޖަމާ ކުރުމާއި ތަކެއްޗާއި މާލެއިން ހަވާލުވާނީ އެގްރޯނެޓުންނެވެ.
އެ ކުންފުންޏަށް ތަކެތި ގަތުމަށް ފަހު ކަސްޓަމަރުންނަށް އެ ތަކެތި ވިއްކުމުގައިވެސް އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ. އެގްރޯނެޓުން ވިއްކާ ތަކެއްޗާއި އަގުތައް ގަންނަން ބޭނުންވާ ކަސްޓަމަރަށް ފޮނުވާނީ އީމެއިލް މެދުވެރިކޮށެވެ. އޭގެ ތެރެއިން އެ ކަސްޓަމަރަކު ގަންނަ ތަކެތީގެ މައުލޫމާތު އެގްރޯ ނެޓާއި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރަން ޖެހެ އެވެ.
އެ ތަކެތި ޑެލިވަރީ ކޮށްދެނީ އިންޓަނެޓް މެދުވެރިކޮށް ތަކެއްޗަށް ފައިސާ ދެއްކުމުންނެވެ. އެގްރޯނެޓުން ބުނީ ކަސްޓަމަރަށް ޑެލިވަރީ ކޮށްދޭނީ ތަކެތި ރަނގަޅަށް ޕެކް ކުރެވިގެން ކަމަށެވެ.
މި ކުންފުނީގެ ހިދުމަތަކީ މިއަހަރު ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން ދިޔަ ކުންފުންޏެކެވެ. ކުއްލިއަކަށް ކުންފުނީގެ މަސައްކަތައް ފަށަން ޖެހުނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި ކާބޯތަކެތި ހޯދުމަށް މި ދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމަށް އެގްރޯނެޓުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް