ސިއްހީ ދާއިރާގައި ބޭނުން ކުރާ އިތުރު ބައެއް ތަކެތީގެ ޑިއުޓީ މައާފުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
އަލަށް ޑިއުޓީ މައާފުކޮށްދޭން ނިންމެވި ތަކެތީގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް އާއި ޕްރޮޓެކްޓިވް ގައުންސް، ހަޒްމަޓް ސޫޓްސް، ސާޖަން ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެއްޗެވެ. ކަސްޓަމްސްއިން ބުނީ މިމަހުގެ26 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެ ކުރާ މި ތަކެތިން ޑިއުޓީ ނުނަގާނެ ކަމަށެވެ.
ރައީސް މިގޮތަށް ނިންމެވީ މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީ-އެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ހަތްވަނަ މާއްދާގެ ދަށުންނެވެ. އަދި މިގޮތަށް ނިންމެވީ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ އަށް ވަނަ މާއްދާގެ ހ އަދި ށ ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.
މީގެ ކުރިން ރައީސް ވަނީ ސިއްހީ ދާއިރާގައި ބޭނުން ކުރާ ތަކެތީގެ ތެރެއިން އަންގި އާއި މާސްކާއި ފޭސް ޝީލްޑާއި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާގެ ޑިއުޓީވެސް މައާފުކޮށްދެއްވާފައި އެވެ.
މިތަކެއްޗަށް ޑިއުޓީ ނުނަގާނީ މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތުގައި އެތެރެ ކުރާ ތަކެތިންނެވެ. މިދިޔަ މާޗް މަހުގެ 12 ގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެވަނަ ފަހަރަށް އިތުރު ކޮށްފައިވާއިރު އެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގެ ނިޔަލަށެވެ.
މިިހާރު ރާއްޖޭގައި އާންމުންގެ މެދުގައި ބަލިފެތުރެމުންދާތީ އެ މުއްދަތު އަދިވެސް އިތުރު ކުރާނެ ކަމަށް ބެލެވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް226 މީހަކު ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް