ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާއިރު ސިއްހީ މާހިރުން މިހާރު ވިދާޅުވަމުން ގެންދަވަނީ އާންމު ދިރިއުޅުމުގައި ފޮތި މާސްކު އަޅައިގެން އުޅެވިދާނެ ކަމަށެވެ.
މިއާއި އެކު ފޮތި މާސްކުގެ ޑިމާންޑު ބޮޑުވެފައިވެ އެވެ. ބައެއް މީހުން ފޮތި މާސްކު ފަހައިގެން ދަނީ ބަހަމުންނެވެ. އަނެއްބަޔަކު އަމިއްލައަށް ފަހައިގެން އަޅަމުންދެ އެވެ.
މިގޮތަށް ބޭނުންކުރާ ފޮތި މާސްކާއި ގުޅޭގޮތުން އެނގެން ޖެހޭ ބައެއް މައުލޫމާތުތައް އެބަ ހުއްޓެވެ.
ފޮތި މާސްކު ފަހާއިރު ދެތިން ފޮތިކޮޅު ގުޅުވަން ވާނެ އެވެ. އެކަމަކު ބާރުކޮށް މާސްކު އަޅާފައި ހުންނަ އިރު ރަނގަޅަށް ނޭވާ ނުލެވޭހާ ގިނަ ފޮތި ލުން ރަނގަޅެއް ނޫނެވެ. މަދުވެގެން ދެ ފޮތި ކޮޅު ގުޅުވައިގެންް މާސްކު ހެދުމުން ރަނގަޅުވާނެ އެވެ.
ފޮތި މާސްކު ފެހުމަށް ވަކި ވައްތަރެއްގެ ފޮތި ބޭނުން ކުރާކަށް ނުޖެހެ އެވެ. އެކަމަކު ކުޑަކޮށް ދެމުން ހުންނަ ފޮތި ބޭނުން ކުރުން ރަނގަޅުވާނެ އެވެ.
އާންމުކޮށް ފޮތި މާސްކު އަޅަން ޖެހެނީ ކޮންމެހެން އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހޭ ތަންތަނަށް ގޮސް އުޅޭ އިރު އެވެ. މިސާލަކަށް ޒަރޫރީ ތަކެތި ގަތުމަށް ބޭރަށް ނުކުމެ އުޅޭއިރު ފޮތި މާސްކު އަޅައިގެން ދެވިދާނެ އެވެ. ހާއްސަކޮށް ފޮތި މާސްކު ބޭނުން ކުރަން ޖެހެނީ އެތަނެއްގައި އާންމުންގެ މެދުގައި ބަލި ފެތުރެމުންދާއިރު އެކަމުން ރައްކާތެރިވުމަށް ކުއްލިއަކަށް ބޭރަށް ދާންޖެހިގެން ނުކުންނަ އިރު އެވެ.
މިފަދަ ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ ދަނޑިވަޅެއްގައި ދެ އަހަރުން ދަށުގެ ކުޑަކުދިން ފޮތި މާސްކު އެޅުވުމަކީ އެއްވެސް ގޮތަކަށް ރައްކާތެރި ކަމެއް ނޫނެވެ. އަދި ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުންނާއި އަމިއްލައަށް މާސްކު އަޅާ، ބޭލުމުގެ ގާބިލްކަން ނެތް މީހުންގެ ފޮތި މާސްކު އެޅުވުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
ފޮތި މާސްކު ދޮންނާކަށް ވަކި ގޮތަކަށް އަމަލު ކުރާކަށް ނުޖެހެ އެވެ. މެޝިނައް ލައިގެން އާންމުކޮށް ބޭނުންކުރާ ދޮންނަ ކުނޑި ލައިގެން ފޮތި މާސްކު ދޮވެވިދާނެ އެވެ. އެކަމަކު މާސްކު ފަހާއިރު މެޝިނުން ދޮވުނަސް ހަލާކު ނުވާހާ ބާރު ހުންނަ ގޮތަށް ފެހުމަކީ މުހިންމު ކަމެކެވެ.
މާސްކު ގިނައިރު އެޅުމުގެ ބަދަލުގައި ގިނައިރު ބޭރުގައި އުޅެން ޖެހޭނަމަ އަވަހަށް ބަދަލުކޮށް ދޮންނަން ވާނެ އެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި ފޮތި މާސްކު ބާލާއިރު ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަ ކޮށްލާނަމެވެ. މާސްކު ބާލާއިރު މޫނު، ލޯ، އަނގަ އަދި ނޭފަތުގައި އަތް ޖެހުނަ ނުދެއްޗެވެ. އަދި މާސްކު ބޭލުމަށް ފަހު ވަގުތުން އަތް ދޮންނަން ވާނެ އެވެ.
(މައުލޫމާތު: ސީޑީސީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް