މާލޭގެ ފަގީރުންނަށް ކަދުރު ބަހަން ޔޫތް މިނިސްޓްރީގެ ވޮލެންޓިއަރުން!

ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ރޯދަމާ ދިމާކޮށް ހަދިޔާ ކުރި ކަދުރުތައް ބެހުމުގެ މަސައްކަތް ޔޫތް މިނިސްޓްރީގެ ވޮޮލެންޓިއަރުންގެ ޓީމްތަކާއި ހަވާލުކޮށްފި އެވެ...

28 Apr 2020 | 03:58

ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ރޯދަމާ ދިމާކޮށް ހަދިޔާ ކުރި ކަދުރުތައް ބެހުމުގެ މަސައްކަތް ޔޫތް މިނިސްޓްރީގެ ވޮޮލެންޓިއަރުންގެ ޓީމްތަކާއި ހަވާލުކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރު ރޯދަ މަހަށް ގައުމުތަކުން ހަދިޔާ ކުރި ކަދުރު ބެހުން ވަނީ ލަސްވެފައި އެވެ. އަދި މުޅި ރާއްޖެ ފުރަ ބަންދުގައި އޮތުމުން އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަން ދޭށެވެ.

އެގޮތުން ކޮންމެ ފަގީރެއްގެ ގެއަށް ކަދުރު ޕެކެޓެއް ދިނުމަށް ހަމަޖެހިފައިވާއިރު ބާހީ ހުންނަ ކަދުރު ބަހާނީ އެންމެ އަވަހަށް ބަލާ އަންނަ ފަރާތްތަކަށް އިސްކަން ދީގެންނެވެ. ކަދުރު ބެހުމުގައި ރަށްރަށުގައި ވެސް އަމަލު ކުރާނީ އެގޮތަށެވެ.

މާލޭގައި ކަދުރު ބެހުމާއި ގުޅޭގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުން ދިރިއުޅޭ426 ގެއަކަށް ކަދުރު ގެންގޮސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ޔޫތް މިނިސްޓްރީގެ ވޮލެންޓިއަރުން ކޮށްދެނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އެދިވަޑައިގެންނެވުމަށް ކަމަށް މަހުލޫފު ވިދާޅުވި އެވެ.

ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.

މިއީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. މިއަހަރު ކޯވިޑް-19 އާއި ގުޅިގެން ފަގީރުންގެ ދަފްތަރުގައި އަލަށް މީހުން ރަޖިސްޓްރީވުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް