އިރުވައި މޫސުމުގެ ހިތްގައިމު ދުވަހަކަށް އަލިވިލެމުން ދިޔަ ފިނިފިނި ފަތިހެއްގެ ހަމަހިމޭން ވަގުތެވެ. ޖެހެމުންދިޔަ ވައި ކިތައްމެހާވެސް ފިންޏެވެ. ވައިބާރު ދުވަސްވަރެއްކަމުން ކަނޑު މަޑެއް ނޫނެވެ.
މާލޭގެ ކަނޑިންމައިން ނުކުތް ބޯޓު މިސްރާބުޖެހީ ރާއްޖޭގެ ދެކުނަށެވެ. ބޮޑު ޗުއްޓީ ފެށުނުފަހުން ކުރާ ފުރަތަމަ ދަތުރުކަމުން ބޯޓު އޮތީ ދަތުރުވެރިން އަރާ ފުރިބާރުވެފައެވެ. ކޮންމެ ދަތުރު ވެރިއަކަށް ހާއްސަ ކުރެވިފައިވާ، ވަކި އެނދު ހުރުން އެއީ ދަތުރު ވެރިންނަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. މި ބޯޓުގައި ދަތުރުކުރަން މީހުން ބޭނުންވާ ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ.
ވައިގެމަގުން ދާން މަޑުކޮށްފިއްޔާ ދެވެންއަންނަނީ އަދިވެސް ހަފުތާއެއް ފަހުންނެވެ. އެހެންވެ ބައްޕަގެ އެދުމުގެ މަތިން ކަނޑުމަގުން ރަށަށްދާން ޒާރާ ނިންމީ ވަޒީފާއަށް ނުކުންނަންވާ ދުވަހަށް ރަށަށް ނުދެވިދާނެތީއެވެ. ވަޒީފާވ ހަމަޖެހުނު ކަމުގެ އުފާވެރި ޚަބަރު ޒާރާއަށް ލިބުނީ މީގެ ދެދުވަސް ކުރިންނެވެ.
އެތެރެއަށް ދާން ދެފަހަރަކު ބައްޕަ ބުނި ނަމަވެސް ޒާރާ ބޭނުންވީ ބޯޓުގެ ބޭރު ޑެގް މަތީގައި އިންނާށެވެ. އެތެރޭގައި މީހުން ގިނަވާނެތީއެވެ. އަޑުގަދަވާނެތީއެވެ. ބޯ އަނބުރާ ހޮޑުލަވާގޮތް ވާނެތީވެސް މެއެވެ.
އުދަރެހުން ދޮންކުރަމުންދާ އިރުގެ ރަންކުލަ ޖައްވުތެރެއަށް ފެތުރެމުންދާ މަންޒަރަކީ ބަލާލަން ނުހަނު ހިތްގައިމު މަންޒަރެކެވެ. ޖައްވުގައި ދަތުރުކުރަމުންދާ އެކި ވަރުގެ ވިލާކޮޅުތަކަށް އިރުގެ ރަންކުލަ އެޅުމުން އިތުރު ހިތްގައިމު ކަމެއް ގެނުވައެވެ. ދުރުންނާ ކައިރިން އެކި ކޮޅުކޮޅަށް ދަތުރުކުރާ އުޅަނދު ފަހަރު މަދުމަދުން ފެނެއެވެ.
މާހައުލުގައި ހިނގާ އެއްވެސް ކަމެއް ޒާރާއަށް އިހްސާސް ވާހެނެއް ހިޔެއް ނުވެއެވެ.
"ދަރިފުޅާ ޒާރާ.. " ބައްޕަގެ އަޑު ތިންވަނަ ފަހަރަށް ޒާރާއަށް އިވުނެވެ. އަވަސް އަވަހަށް ވާހަކަފޮތް ލައްޕާލުމަށްފަހު ޒާރާ ބައްޕައާ ދިމާއަށް ބަލާލިއެވެ.
" ދަރިފުޅު ހަމަ އެތެރެއަކަށް ނުދާނަންތަ؟ މިހާރު އެއޮއް ހައެއް ޖެހީ. ދެން އިރުކޮޅަކުން ހޫނުވާން ފަށާފާނެ..."
ބައްޕަގެ އޯގާތެރި އަޑަކީ ޒާރާއަށް އެންމެ ކަމުދާ އަޑެވެ. ބައްޕަގެ މަޑުމައިތިރި މިޒާޖަކީ އެންމެ ކުޑައިރުއްސުރެ ވެސް ދެކެފަރިތަ އެންމެ ގަޔާވާ މިޒާޖެކެވެ. ބައްޕަ އަބަދުވެސް ޒާރާ އާއި ވާހަކަ ދައްކަނީ ލޯބިންނެވެ. މަންމަގެ ރުންކުރު މިޒާޖު ޒާރާއަކަށް ކަމަކު ނުދެއެވެ. އެންމެ ތުއްތު އިރުއްސުރެވެސް ޒާރާ މަންމަ ދެކެ ޖެހިލުންވެ ބިރުގަންނަ ސަބަބަކަށް ވެފައިވަނީ، މަންމަގެ ރުންކުރު ހަރުކަށި މިޒާޖެވެ. ޒާރާ ބައްޕަ އާ ދިމާލަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
އޭނާ އިންތަނުން ތެދުވީ ބައްޕަ ލައްވާ އިތުރަށް އާދޭސް ކުރުވަން ބޭނުން ނުވާތީއެވެ. މާކަނޑުގެ ބިޔަ ރާޅުތަކުގެ ނުފޫޒުގައި ރޯލް ކުރަމުންދާ ބޯޓު ތެރޭގައި ހިނގާބިނގާވުމަކީ ޒާރާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ބޭއިޚްތިޔާރުގައި ބައްޕަގެ އަތުގައި އޭނާ އަށް ހިފުނެވެ. ހާމިދު ޒާރާގެ އަތުގައި ހިފާ އެތެރެއަށްދާން ހިނގަގަތެވެ.
"އެކަމަކު ބައްޕާ..." ޒާރާ ހުއްޓުނެވެ.
"އެތެރެއަށްވަނީމާ ހާދަ ބޯ އަނބުރާނެޔޭ...." ޒާރާ އެތެރެއަށް ދިއުމަށް އުޒުރުވެރި ވިއެވެ.
"ދަރިފުޅު ބޭނުމިއްޔާ އަދި މަޑުކޮއްލާ... އިރު އެރީމަ ވަންނާނީދޯ... " ހާމިދު ޒާރާބޭނުންވި ގޮތާ ރުހުނެވެ.
" ދަރިފުޅު އިށީދެލާ... ބައްޕަވެސް މަޑުކޮއްލާނަން އެކޮޅުގަ.." ބޯޓުގެ ދިރުނބާކޮޅަށް އިޝާރާތް ކުރަމުން ހާމިދު ބުނެލިއެވެ. ޒާރާ އިށީންނުމުން ހާމިދު ގޮސް ޒާރާއަށް ފުރަގަސްދީގެން އިށީންނެވެ.
ޒާރާ ބައްޕަ އާއި ދިމާލަށް ބަލާލިއެވެ. އެއީ ކިހާ މާތް އިންސާނެއް ހެއްޔެވެ. އަހަރެންނަށްޓަކައި އެބައްޕަ ނުއުފުލަނީ ކޮންބުރައެއް ހެއްޔެވެ. ނުވަނީ ކޮން ޤުރުބާނީ އެއް ހެއްޔެވެ. މަންމަ ކިތައްމެ ރުޅިގަދަ ރުންކުރު މީހަކަސް ބައްޕަ އެއާ މުޅިން ތަފާތެވެ. ޒާރާގެ ހިތް ބައްޕަ އަށްޓަކާ ލޯބިން ފުރުނެވެ.
އަހަރެންގެ ޙައްޤުގައި އެބައްޕަ ދާ އޮހޮރުވާ ބުރަ މަސައްކަތް ކުރިއެވެ. ދަރިފުޅުގެ އުންމީދުތައް ހަޤީގަތަކަށް ހަދައިދިނުމަށެވެ. މިއަދު އެ ބައްޕަގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާ އުފާވެރި ކަމެވެ. ޒާރާ ކުރަމުން އައި އުންމީދު ޙާސިލްވުމުން ޒާރާއަށްވުރެ އުފާކުރީ ޒާރާގެ ބައްޕައެވެ.
ޒާރާ ނާސިން ހަދަން މާލެ ފޮނުވީއްސުރެ ދުވާލަކު އެތައްފަހަރަކު ޒާރާގެ ހާލުބަލަން ބައްޕަ ގުޅައެވެ. ޒާރާ އަށް ގުޅާލާނެ ވަގުތު މަންމައަށް ލިބޭ ކަމަށް ނުވިޔަސް ބައްޕަ އަބަދުވެސް ޒާރާއަށްޓަކައި ވަގުތު ހުސްކުރެއެވެ. ޒާރާ ބަލިވެއްޖެނަމަ ބައްޕަގެ ނިދި ޒާރާއަށްޓަކައި ޤުރުބާން ކުރަނީ އުފަލުންނެވެ. މަންމަ އަށް ޒާރާ އެހާ މުހިންމު ނުވިޔަސް ބައްޕައަށް ޒާރާ ވަރަށް މުހިންމެވެ. މަންމަ ބައްޕައަށް އަޅާ ނުލިޔަސް ބައްޕަ އަބަދުވެސް މަންމަ އުފަލުގައި ބެހެއްޓުމަށް މަސައްކަތް ކުރާތަން ޒާރާއަށް ފެނެއެވެ.
ޒާރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އުނގުމަތީގައި އޮތް ވާހަކަފޮތް ނަގާ ހުޅުވާލިއެވެ. ކިޔަމުން ދިޔަ ހިސާބުގައި ބުކުމާކް އިނުމުން ކިޔަންވީތަން ހޯދާކަށް އުނދަގުލެއް ނުވިއެވެ. ވާހަކަ ކިޔުމަކީ ޒާރާ އަބަދުވެސް ވަގުތު ހޯދައިގެން ކުރާހިތުން ކުރާ ކަމެކެވެ.
ޖީންސްގެ ޖީބުގައި އޮތްފޯން ވައިބްރޭޓް ވާކަން އިހްސާސްކުރެވުމުން ކިޔަން އިން ވާހަކަފޮތް ލައްޕާލިއެވެ. އަވަސް އަވަހާ
ޖީބުން ފޯންނަގާ ބަލާލިއެވެ. މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ހިނިތުން ވެވުނީ ބޭއިޚްތިޔާރުގައެވެ. ސްކްރީންގައި ފެންނަން އޮތް ނަމަކީ ޒާރާ ހަމަ އުންމީދު ކުރި ނަމެވެ. އެ ކޯލަކަށްޓަކައި ޒާރާ އަބަދުހެން އިންތިޒާރު ކުރެވޭ ކޯލެވެ. އެއަޑެއް އަހާލުމަށް އެދި ޒާރާގެ ކަންފަތް ވަނީ ކެތްމަދުވެފައެވެ.
" ދިލް" ... ޒާރާއަށް މަޑުމަޑުން ބުނެލެވުނެވެ.
ބޮޑުވާއިނގިލިން ކޮއްލި ހަރަކާތަކާއެކު ޒާރާ ފޯން ކަންފަތުގައި ޖައްސާލިއެވެ.
"ހަލޯ .. ޒާ.." އެ ޖަޒްބާތީ އަޑެވެ. އާދިލްގެ ފިރިހެންވަންތަ އަޑުން ޒާރާގެ ރޫހަށް ދިރުން ލިބުނު ކަހަލައެވެ.
"ދިލް.... އަދި ތި ހޭލެވުނީ..... ކިހާއިރެއް މިސްވެގެން އުޅޭތާ... ކީއްވެ ފުރުވަން ނައީ.... ހާދަ އިންތިޒާރެއް ކުރީމޭ... އެވަރަށް ގުޅިން..... ދެފޯނަށްވެސް...." ޒާރާ ޝަކުވާކޮއްލީ ނުހަނު ލޯބިންނެވެ.
"ސޮރީ .ޒާ.. ރޭގަ ދަންވަރު ޑިއުޓީކަން ޒާ އަށް އެނގެއެއްނު... ނިދުނީ ވަރަށް ލަހުން... އެހެންވެ އެލާމް ވީމަވެސް ނުހޭލެވުނު... ސޮރީ... އައެމް ސޯ ސޮރީ ލަވް .." މާފަށް އެދުމަކީ އާދިލްގެ އާދައެކެވެ.
'' އިނގޭ ދިލް ހޭލާ ހުރިނަމަ އަންނާނެކަން.... އެކަމް ހާދަ އިރަކު ހުރީމޭ.... ދެކިލާފަ ނޫނީ ނުފުރަން...." އެހާލޯބިން މާފު ކުރުމަކީ ޒާރާ އާދިލްދެކެ ވާ ލޯބި އަންގައިދޭ ހެއްކެކެވެ.
" ދެން ހަމަ ތި ދިޔައީތަ. ޒާ.. އައި ވިލް މިސް ޔޫ ސޯ މަޗް... ވަރަށް މިސްވާނެ.. އަދި ދުވަސްކޮޅަކު މަޑުކޮށްލާށޭ ބުނީމަވެސް ތި ދިޔައީނު... އަހަރެން އެކަނިކޮށްފަ...."
އާދިލް ބުނި ޖުމްލައިން ޒާރާ ދެރަވީ ކީއްވެގެންކަން ހުދު ޒާރާ އަށްވެސް ނޭގެއެވެ.
"ދެން އަދިވެސް ދެރަވެފަ؟" ދެންވެސް ވާހަކަ ދެއްކީ އާދިލް އެވެ.
"ދެރަވިޔަސް ދެން ކުރާނެ ކަމެއް ނެތެއްނު ...... ތެދުވޭ ދެން......" ޒާރާގެ އަޑުގައިވަނީ މޮޅިވެރިމެވެ.
"ތެދުވާހިތެއް ނެތް....ޒާ ވެސް ތި ދިތައީވިއްޔާ..... ވަރަށް ވަރަށް މިސްވާނެ އިނގޭ......" އާދިލްގެ އަޑުގައިވާ މާޔޫސްކަން ޒާރާގެ ހިތަށް އަސަރުކުރުވައިފިއެވެ.
"ދިލް އަށްޓަކައި އަބަދުވެސް އަހަރެން އިންތިޒާރު ކުރާނަން...... ކިތައްމެ ދުވަހެއްވިޔަސް.... މި ޒާރާ ދުވަހަކުވެސް ބަދަލެއްނުވާނެ....." އޭނާ އަބަދުވެސް ވަމުން އަންނަ ވައުދު އާކޮށްލިއެވެ.
ދެކޮޅުން ބަދަލު ކުރެވުނު ލޯބިވެތި ވާހަކަތަކާ، އެތަކެއް ވައުދަކާ އަހުދަކށްފަހު ފޯނުކޯލު ނިމިއްޖެއެވެ. ޒާރާގެ ހިތުގައި އާދިލް އަށްޓަކއި އުފެދިފައިވާ ލޯބި ދުވަހަކުވެސް ފަނޑުނުވާނެ ކަމަށް ބުނެ އާދިލްގެ ހިތްހަމަ ޖައްސައިދެމުންނެވެ.
ޒާރާގެ ލޯ ކަރުނައިން ފުރުނުކަން ޚުދު ޒާރާއަށްވެސް ރޭކާލީ ، ކޯތާފަތްމަތިން ފިރުކެމުން އައި ކަރުނަތިކި އޭނަގެ އުނގުމަތީގައި އޮތް އަތަށް ވެއްޓުމުންނެވެ. އަވަސް އަވަހަށް ދެލޯ ފޮހެލީ ބައްޕައަށް އެމަންޒަރު ފެންނަން ބޭނުން ނުވާތީއެވެ. މިއީ އުފާވެރި ކަމުގެ ކަރުނައެއް ބާވައެވެ. ނޫނީ ހިތާމަވެރި ކަމުގެ ކަރުނައެއް ބާވައެވެ. ޒާރާ އަކަށް ނޭގުނެވެ.
ބައްޕަ އަދިވެސް ހަމަ އެއިންގޮތަށް އެތާ އެބައިނެވެ. މިހާރު އިރުއަރާ އިރުގެ ހޫނު ޖައްވުގައި ރަސްކަން ކުރަން ފަށައިފިއެވެ. އޭނާ ބޭނުންވީ އެތެރެއަށް ވަންނާށެވެ.
ދެތިންފަހަރަކު ޒާރާ އޭނާގެ ބައްޕައަށް ގޮވާލައިފިއެވެ. އަޑުއިވުނު ކަމަކަށް ނުވިއެވެ. މާ ބާރަށް ގޮވާކަށްވެސް ނުކެރުނެވެ. ހިތްވަރުކޮށްފައި ތެދުވެގެން ބައްޕަ އިންހިސާބަށް ދާން އޭނާ ބޭނުންވިއެވެ. ބޯޓު ދުއްވަމުންދަނީ ވަޔާ އިދިކޮޅަށް ކަމުން ރޯލް ކުރާވަރު ކުޑައެއްނޫނެވެ.
އުނގުމަތީގައި އޮތް ވާހަކަފޮތް ނެގުމަށްފަހު ކޮޅަށް ތެދުވެ ހިންދެމި ނުލެވި އުޅެނިކޮށް ބޯޓަށް އެރި ލޮޅުމުގައި އޭނާ އަރިއަޅާލައިފިއެވެ. ބާރުގަދަ އަތެއްގެ އެހީތެރިކަން ނުލިބުނު ނަމަ ޒާރާ ވެއްޓުނީހެވެ. ވެއްޓުނަނުދީ ސަލާމަތް ކޮށްދިން އެ އަތުގައި އޭނާއަށް ހިފަހައްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީކާކުތޯ ބަލާލެވުމާއެކު އެ އަތުން ދޫކޮށްލެވުނެވެ.
އެޑިޓަރުގެ ނޯޓް: މި ވާހަކައިގެ އެޕިސޯޑްތައް އަޕްޑޭޓް ކުރެވޭނީ ކޮންމެ އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު10:00ގައެވެ. ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެ ކަމުގައި އަޅުގަނޑުމެންގެ ޓީމުން އުންމީދު ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް