ފާއިތުވި އަހަރު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޯވިޑް19 މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާއިރު، އެ ބައްޔަށް ފައްސިވި (ޕްޒިޓިވް) މީހުންގެ އަދަދު 3 މިލިޔަނަށް އަރައިފިއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން އާންމު ކުރަމުން އަންނަ ހިސާބުތަކުގެ އެންމެ ފަހުގެ އަދާހަމަތައް ދައްކާގޮތުން، ކޯވިޑް19 ޖެހުނު މީހުންގެ އަދަދު 3 މިލިޔަނުން މައްޗަށް ގޮސްފައިވަނީ މިއަދުގައެވެ. ކޯވިޑް19 ޖެހިގެން މިހާތަނަށް 209000 މީހުން މަރުވެފައިވާކަމަށް ހިސާބުތަކުން ދައްކާއިރު، 884000 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.
މުޅި ދުނިޔެއިން ކޯވިޑް19 ޖެހުނު މީހުންގެ އަދަދު 3 މިލިޔަނަށް އަރާފައި ވިޔަސް، މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވި ގައުމުތަކުގެ ހާލާތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. މިގޮތުން ސްޕެއިން، އިޓަލީ، އޮސްޓްރޭލިޔާ، ނިއުޒީލޭންޑް އަދި އިރާން ފަދަ ގައުމުތަކުން ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުން އަދި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.
މިއާއެކު، ގިނަ ގައުމުތަކަކުން މިހާރު އަންނަނީ މީގެ ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. ބައެއް ގައުމުތަކުން ބައެއް ހިސާބުތަކުގެ ލޮކްޑައުން އުވާލާފައިވާއިރު، ކާފިއުއަށް ވެސް އަންނަނީ ލުއި ދެމުންނެވެ.
މިގޮތުން އިޓަލީން މިހާރު ވަނީ އަންނަ މެއި މަހުގެ 4 ގައި، 2 މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ލޮކްޑައުންއަށް ލުއި ދޭން ނިންމިކަން އިޢުލާނު ކޮށްފައެވެ. އަނެއްކޮޅުން ބައްޔަށް އެންމެ ގިނަ މީހުން ފައްސިވި އެމެރިކާއިން ވެސް މިހާރު އަންނަނީ ބައެއް ސިޓީތަކުގެ ލޮކްޑައުންއަށް ލުއި ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް