ކުއްލި ގޮތަކަށް ނިޔާވި ދުވަސްވީ މީހެއްގެ ސާމްޕަލް ނަގައި ކޯވިޑް-19ށް ޓެސްޓްކުރަނީ

ޅ. ނައިފަރުގައި ކުއްލި ގޮތަކަށް ނިޔާވި މީހެއްގެ ސުންކު ނަގައި، ކޯވިޑް-19ށް ޓެސްޓް ކުރަން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ. އުމުރުން ...

28 Mar 2021 | 10:41

ޅ. ނައިފަރުގައި ކުއްލި ގޮތަކަށް ނިޔާވި މީހެއްގެ ސުންކު ނަގައި، ކޯވިޑް-19ށް ޓެސްޓް ކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ. އުމުރުން 63 އަހަރުގެ އެމީހާ އަކީ ހިންނަވަރު މީހެކެވެ. އަދި އޭނާ ނިޔާވެފައި ވަނީ ނޭވާލާން އުނދަގޫވެގެން ނައިފަރަށް ގެންގޮސް، ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ހިންނަވަރަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޯވިޑް-19 ރޯގާ ފެތުރިފައިވާ ކަމަށް ބެލެވޭ އެއް ރަށެވެ. އެއީ ހިންނަވަރުގައި ކަރަންޓީންގައި ނެތް މީހަކު އިއްޔެ އެ ބައްޔަށް ފައްސިވުމާ ގުޅިގެންނެވެ. އެމީހާ އަށް ބަލި ޖެހުމާ ގުޅިގެން ރަަށް މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ.

އެޗްޕީއޭން ހާމަކުރާ ގޮތުގައި ހިންނަވަރަށް އަރައި ފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހިންނަވަރުން ކޯވިޑް-19ށް ފައްސިވީ ރޯގާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ)ން ހާމަކުރެއެވެ.

ހިންނަވަރަށް އަރާއި ފޭބުން މަނާކުރިއިރު މިވަގުތު އެއަތޮޅު ނައިފަރާއި ފެލިވަރު ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް-19 ގެ ބިރުވެރިކަން ބޮޑުވެފައި ވަނީ ބައެއް ރަށްރަށުގައެވެ. އެގޮތުން މިވަގުތު 10 އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް