ރޭޕާ ދެކޮޅަށް މާލޭގައި ގިނަ ބަޔަކު މުޒާހަރާކުރަނީ

ރޭޕުކުރުމާ ދެކޮޅަށް މާލޭގައި ގިނަ ބަޔަކު މުޒާހަރާ ކުރަން ފަށައިފިއެވެ. މިއަދު މެންދުރު ފެށި މި މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ރޭޕްކުރުން ހުށްޓާލުމަށާއި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާއަށެވެ. https:...

28 Mar 2021 | 08:55

ރޭޕުކުރުމާ ދެކޮޅަށް މާލޭގައި ގިނަ ބަޔަކު މުޒާހަރާ ކުރަން ފަށައިފިއެވެ.

މިއަދު މެންދުރު ފެށި މި މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ރޭޕްކުރުން ހުށްޓާލުމަށާއި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާއަށެވެ.

https://twitter.com/Naxeefer/status/1376093266827825156

މުޒާހަރާގައި ބައިވެރިން މި ވަގުތު އަޑުއުފުލަމުން ދަނީ ޖެންޑާ މިނިސްޓްރީ ކައިރީގައެވެ.

ޖިންސީ ފުރައްސާ އާއި ގޯނާގެ މައްސަލަތައް އިތުރުވެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ލިބުން ލަސްވަމުން ދާތީ ގިނަބައެއްގެ ނުރުހުން ވަނީ ސަރުކާރަށާއި ޖެންޑާ މިނިސްޓްރީއަށް އަމާޒުވެފައެވެ.

މިއަދު މާލޭގައި މުޒާހަރާ ކުރަމުން ދަނީ އުތުރުގެ ރަށެއްގައި ސްކޫލް ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ވެސް ދާދި ފަހުން ފެންމަތިވެފައި ވަނިކޮށެވެ.

މި މަހުގެ ކުރީކޮޅު އުތުރުގެ ރަށެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ގިނަ ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް، އެކަމާ ގުޅޭގޮތުން މި ވަގުތު ދެން އިތުރަށް ހާމަކުރާނެ މައުލޫމާތެއް ނެތް ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފައި ވެއެވެ.

ގްރޭޑް އަށެއްގައި ކިޔަވާ އެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރަނީ، އޭނާ ކިޔަވާ ސްކޫލުގެ ޓީޗަރަކަށެވެ. އެކަން ކުރީ ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި އެ ވާހަކަ ބުނެފި ނަމަ މަރައިލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ. މިކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމާ ދެކޮޅަށް އެ ރަށުގައި ގިނަ ބަޔަކު މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު ފުލުހުން ބުނަނީ ވަކި މީހަކު ހައްޔަރު ކުރާވަރަށް އަދި އެ މައްސަލައިގައި ހެކި ނުލިބޭ ކަމަށެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީން މިހާތަނަށް ބުނީ އެކަން އެ މިނިސްޓްރީ އަށް ހުށަހެޅުމާއެކު އެންމެ އިސްކަމެއް ދިނީ ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި އޭރުން ފެށިގެން އެ ކުއްޖާ އަށް ރައްކާތެރި މާހައުލެއް ފަހިކޮށްދީފައިވާ ކަމަށެވެ. ގުޅުން ހުރި މުއައްސަސާތަކާއެކު، އެ މައްސަލަ ތަހުގީގުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ކުއްޖާގެ ހާލަތު ބަލަމުން ގެންދާ ކަމަށް އެތަނުން ބުނެފައި ވެ އެވެ.

އެކަމަކު މި މައްސަލައިގައި އަދި ސާފުނުވާ ގިނަ ކަންތައްތަކެއް ހުއްޓެވެ. ޖެންޑާ މިނިސްޓްރީ އަށް މިކަމުގެ ރިޕޯޓް ލިބުމާ އެކީގައި އެ ރަށުގެ ހެލްތު ސެންޓަރުން މައުލޫމާތު ސާފުކުރިތޯ އާއި އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިތޯ ބެލުމަށް އޭރު ޓެސްޓު ހެދިކަމެއް ސާފެއް ނުވެ އެވެ. އެ ކުއްޖާ ޑޮކްޓަރަށް ދެއްކިކަން، އޭރު ޖެންޑާ މިނިސްޓްރީން ޔަގީން ކުރިކަމެއް ވެސް ނޭނގެ އެވެ. ފުލުހުން އެ ކުއްޖާ މާލެ ގެނައީ، އެކަން ރިޕޯޓުކުރިތާ 10 ދުވަސް ފަހުން ކަމުން، އޭނާ ރައްކާތެރި މާހައުލަކަށް ނުގެނެސް ހުރީ ކީއްވެ ކަމެއް ވެސް ސާފެއް ނުވެ އެވެ.

މި ސުވާލުތައް ޖެންޑާ މިނިސްޓްރީ އަށް ކުރި ނަމަވެސް އެތަނުގެ ޖަވާބަކަށްވީ، މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އިތުރު ތަފްސީލު ހާމަކުރުމަކީ، ތަހުގީގަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ މައްސަލަތަކުގައި މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ.

ކުޑަކުއްޖާ ރޭޕްކުރި ކަމަށް ބުނާ މި މައްސަލައިގައި ފުލުހުންގެ އިތުުރު ބަހެއް ވެސް އަދި ނުލިބެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް