ބ.އަތޮޅު ފުޅަދޫގައި އުޅުނު ދެ ފަތުރުވެރިއަކު ކޯވިޑް-19ށް ފައްސިވެ އެރަށް މޮނިޓަރކުރަން ފަށައިފިއެވެ.
"ދުވަސް" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދެ ފަތުރުވެރިން ވެސް ފައްސިވެފައިވާކަން އެނގިފައިވަނީ އެރަށުން އެމީހުން ފުރިފަހުންނެވެ.
އެގޮތުން އެމީހު ފައްސިވެފައިވަނީ ރަށުން ފުރުމުގެ ކުރިން ހެދި ޓެސްޓަކުން ކަމަށް މަޢުލޫމާތު ލިބެއެވެ. މިހާރު މި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެ ރަށުގައި ދަނީ ކުރަމުންނެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނީ ކޯވިޑް-19އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފުޅަދޫ މޮނިޓަރ ކުރަމުން ދާ ކަމަށެވެ. އަދި ރަށުގައި މިވަގުތު ތިބި މީހުން އެ އޭޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށެވެ. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެދި އަދި އެ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި އެންގުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ރާއްޖޭގައި މިހާތަނަށް 23000އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ރޯގާ ޖެހިފައިވާއިރު މީގެ ތެރޭގައި އަތޮޅުތަކުގެ ބައެއްރަށްރަށުން ފައްސިވި މީހުންވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް