މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ޝިފާ މުހައްމަދު މާލޭ ސިޓީ ކައުންސިލުން ތަރައްގީކުރި ލޮނުޒިޔާރަތް ޕާކު ތަރައްގީ ކުރުމުގެ ތެރޭގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.
ޕީޖީގެ އޮފީހުން މައްސަލަ ދިރާސާކުރުމަށްފަހު އިތުރަށް ބައެއް ކަންކަން ފުރިހަމަ ކުރުމަށް ކަމަށްބުނެ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލިއެވެ. އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކޮށްގެން އޭސީސީއިން ދައުވާ ކުރަން އަނެއްކާ ވެސް ފޮނުވުމުން، ޖިނާއީ ދައުވާއެއް ސާބިތުކުރެވޭނެ އުންސުރު ހަމަނުވާކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން މިހާރު ވަނީ ނިންމާފައެވެ.
ލޮނުޒިޔާރަތް ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ ދެ ފާހާނާބަރި އާއި ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީއާއި ލައިފްގާޑް ޓަވަރެއް ރެނޮވޭޓް ކުރުމާއި ގާޑަން ބްރިޖް ހަދައި އިންސްޓޯލް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ވެސް ނެތި އަދި ވާދަވެރި ދެ ފުށްފެންނަ އުސޫލުން ނޫން ކަމަށް ޝިފާގެ މައްސަލަ ތަހުޤީގު ކުރުމަށްފަހު އޭސީސީން ނެރުފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، މި މަސައްކަތަށް ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނާ ހަވާލު ކޮށްގެން ކުރުވާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމަށާއި ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ޝިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް ދެ ފާހާނާބަރި ހިމެނޭގޮތަށް އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް އެދި ޝިފާ، ބިޑް ކޮމިޓީއަށް މެމޯ ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައި އޭސީސީން ވަނީ ބުނެފައެވެ.
ހަމަ މިއާއެކު. މި މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ކަމަށާއި އެ އަމަލަކީ އަމީން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް