އަދުގެ ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ މުއައްސަސާތަކަށް އެއްބާރުލުން ދީގެން ކަންކަން ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ރޭ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނެރުއްވި ނޫސް ބަޔާން ޓްވީޓް ކުރައްވަމުންނެވެ.
އެ ބަޔާނުގައި ރައީސް އޮފީހުން ބުނީ، ދައުލަތުގެ މުއައްސަސާތަކުންކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަން ކަމާއި މުސްތަޤިއްލު ކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ދެއްވާ ކަމަށެވެ.
އެ ބަޔާނާ ހަވާލާދީ ރޮޒޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްމުންދަނީ ޤާނޫނު އަސާސީން މިނިވަން މުއައްސަސާތަކަށް ދީފައިވާ ބާރުތަކާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވުމަށްކަމަށެވެ.
https://twitter.com/Roxeyna/status/1375906078836199424
ސަރުކާރުން މިނިވަން މުއައްސަސާތަކަސް ނުފޫޒު ފޯރުވައިގެން ކަންކަން ކުރާކަމަށް ތުހުމަތު ކުރައްވާ ފަރާތްތަކުން، އެފަދަ ކަމެއް ސަރުކާރުން ކުރާނަމަ އެކަމެއް ސާބިތު ރުކޮށްދެއްވަން ޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިނިވަން މުއައްސަސާތަކަށްވެސް އެއްބާރުލުންދީ މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދެއްވަން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރައީސް އޮފީހުން ރޭ ނެރުނު ބަޔާނުގައި އިތުރަށް ބުނީ، ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ޤާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަޤިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން" އިން ކަމަށާއި އެ މުއައްސަސާއިން ކުރެއްވި ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ދީފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް އޮފީހުގެ އެ ބަޔާނުގައި، އެ ތަޙްޤީޤް (ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެލުމަށް ހިންގުނު ތަޙްޤީޤް) ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނުކަން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް