ފަޒީން ވިދާޅުވަނީ ނަޝީދު ވެންޓިލޭޓަރުގެ ވާހަކަދައްކަން "ތާހިރެއް ނޫން" ކަމަށް

ވައްކަމުގެ މައްސަލައެއް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައުމުން އެމަނިކުފާނުގެ ފަރާތުން އިންޒާރާއި ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ވިދާޅުވެ މާލޭ ސިޓީ ކ...

28 Mar 2021 | 05:32

ވައްކަމުގެ މައްސަލައެއް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައުމުން އެމަނިކުފާނުގެ ފަރާތުން އިންޒާރާއި ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލް މެންބަރު މުހައްމަދު ފަޒީންގެ ބަހުގެ ހަމަލާއެއް އެ މަނިކުފާނަށް ރައްދުކުރައްވައިފިއެވެ.

އިއްޔެ ކައުންސިލް މެމްބަރު ފަޒީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަމުގެ މައްސަލައެއް ރައީސް ނަޝީދުގެ ސަމާލުކަމަށް ގެނައުމުން އޭނާ މަޖިލީހަށް ގެންގޮސް އިންޒާރު ދެއްވި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެ ފަދަ ވާހަކައެއް ދެއްކުން ތާހިރު ނޫން ކަމަށް ފަޒީން ވިދާޅުވިއެވެ.

"ވައްކަމުގެ މައްސަލައެއް މަނިކުފާނުގެ ސަމާލުކަމަށް ގެނެސް ހެކި ދެއްކުމުން އަޅުގަނޑު މަޖިލީހަށް ގެންގޮސް ދެއްވީ އިންޒާރު." ފަޒީން ވިދާޅުވިއެވެ.

https://twitter.com/fazeen2457/status/1375768833021992963

މީގެ ކުރިން މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދުގެ މައްސަލަތަކެއް ވެސް ފެންމަތިކުރެއްވި އަދި އެ ކަމަނާއަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވަމުން އަންނަ ފަޒީން ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ވަގު ހިމާޔަތްކުރަން ކަމަށެވެ.

"އޭސީސީއަށް މައްސަލައެއް ހުށަހަޅައިފިނަމަ ކައުންސިލަރު އަދި މައްސަލަ ބަލައިފިނަމަ އޭސީސީ މެންބަރުންގެ އިތުބާރުނެތް ކަމުގެ ވޯޓް ނަގާނެ ކަމަށް ވިދާޅުވެ ހިމާޔަތް ކުރެއްވީ ވަގު." ފަޒީން ވިދާޅުވިއެވެ.

ފަޒީން މި މޭރުމުން ޓްވީޓްކޮށްފައި ވަނީ ވެންޓިލޭޓަރު މައްސަލައިގަ މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު ޓްވީޓެއް ކުރެއްވުމުން ރައްދުގައެވެ.

“ސަރުކާރު މިކަމުގަ ބައިވެރިވެފަވާތަން ފެންނަނީ، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ” ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިކަންކަން ބަދަލުކުރަންޖެހޭކަމަށާއި އަދި ރައްޔިތުންނާ އެކުގައި އެމަނިކުފާނު މިކަމުގައި ދޫނުދެއްވާނެ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގާ ދައުވާ ނުކުރަން ނިންމުމާއެކު ރައީސް ނަޝީދު އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޕީޖީ ޝަމީމް އިސްތިއުފާއަށްވެސް ރައީސް ނަޝީދު ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް