ކޮވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި އިންޑިޔާއިން ދެއްވަމުން ގެންދާ އެހީތެރިކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޝުކުރު އަދާ ކުރައްވައިފިއެވެ.
ޝާހިދު ޝުކުރު އަދާ ކުރައްވައިފައިވަނީ އިންޑިޔާގެ ހާރިޖީ ވަޒީރު، ޑރ އެސް ޖައިޝަންކަރާއި މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯން ކޯލުގައި ޖައިޝަންކަރުވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބޭސް އަދި އެނޫންވެސް ޒަރޫރީ ހުރިހާ އެއްޗެއް މެދު ކެނޑުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ފޯން ކޯލުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިޔާގައި މިވަގުތު ތިބި ދިވެހިންނަށް އިންޑިޔާއިން ދެމުންގެންދާ މެހެމާންދާރީކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިނިސްޓަރ ޖައިޝަންކަރު ވަނީ އިންޑިޔާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ދާ ކަމުގެ ޔަގީންކަން ދީފައެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ސާކު ގައުމުތައް ގުޅިގެން މަސައްކަތްކުރެއްވުމަށް ސާކު ގައުމުތަކުގެ ވެރިން މަޝްވަރާގެ މޭޒަށް ގެނައުމަށް އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ އިސްނެންގެވުމަށް ތައުރީފުކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ރައްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ޖައިޝަންކަރަށް، ޝާހިދި ކިޔާދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް