މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ވަބާ ކަމުގައިވާ ކޯވިޑް-19 އާއެކު، ދުނިޔޭގެ ހާލާތު ބަދަލުވެ، އިންސާނުންގެ އަމަލުތަކަށް އައި ބޮޑު ބަދަލާއެކު، ޗައިނާ ސަރަހައްދުގެ ޖައްވު ސާފުވަމުން އަންނަކަން ނާސާއިން ކަށަވަރު ކޮށްދީފިއެވެ. ނާސާއިން ރަސްމީކޮށް މިކަން ހާމަކޮށްފައި މިވަނީ، މީސްމީޑިޔާގައި މިފަދަ ވާހަކަތައް ދައުރުވާތާ ދުވަސްތަކެއް ފަހުންނެވެ.
https://twitter.com/NASAEarth/status/1243568601082322945
ނާސާގެ ރަސްމީ ޓްވިޓަރ އެކައުންޓެއް ކަމަށްވާ "ނާސާ އާތު" އިން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ފެބްރުވަރީ މަހާއި، މާރިޗު މަހުގެ ކުރީކޮޅު ޗައިނާ ސަރަހައްދުގެ ޖައްވުގައި ކާބަން މޮނޮކްސައިޑް ހުރި މިންވަރު 30-45 އިންސައްތައަށް ދަށްވެފައިވާކަމަށެވެ. މިއީ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގެ ސެޓްލައިޓްތަކުން ނަގާފައިވާ މަޢުލޫމާތުތައް ދިރާސާކޮށްގެން ނޭޝަނަލް ސެންޓަރ ފޯ އެޓްމޮސްފެރިކް ރިސަރޗް ޖަހާފައިވާ ހިސާބުތަކެކެވެ.
2019 ވަނަ އަހަރާ އަޅާބަލާއިރު، އެ ސަރަހައްދުގެ ޖައްވުގެ ވައިގެ ފެންވަރު ރަނގަޅު ވެފައިވާކަން (ވައި ސާފުވުން) ފާހަގަ ކުރެވޭ ކަމަށް ވެސް ނާސާއިން ބުނެފައިވެއެވެ.
https://twitter.com/NASAEarth/status/1243568605599498245
މިފަދަ ބޮޑު ބަދަލެއްގެ އަސްލުކަމަށް ނާސާއިން ބުނެފައިވަނީ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ކާރުހާނާތަކުގެ އުފެއްދުންތަކާއި، ދަތުރުފަތުރު ކުރުމާއި، އަދި އެ ނޫނަސް އެޓްމޮސްފެރިކް ޕޮލިއުޝަން އުފައްދާ، އިންސާނުންގެ އަމަލުތައް ވަރަށް ބޮޑަށް މަދުވެފައިވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް